ސަރުކާރުން ކުރާ ހާ ވެސް ކަމަކީ ރިބަން ފަށް ކެނޑުން: ރައީސް ޔާމީން

މަރުހަބާ ރައީސް ޔާމީން ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައިމަން

މި ސަރުކާރުން ކުރަމުން އަންނަ ހަމައެކަނި ކަމަކީ ރިބަން ފަށް ކެނޑުން ކަމަށް ވިދާޅުވެ، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު މިނިވަން ވުމުގެ މުނާބަސަތުގައި، ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް އެމްޑީޕީން މޮޅެތި ސްލޯގަންތައް ހަދަމުން އަންނަ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޭނުންކުރި "ރަށްވެހި ފަތިސް" ސްލޯގަނަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ކޮންމެ ރިޔާސީ މޫސުމެއްގައި އާ ވާހަކަފުޅުތަކެއް ނެރުއްވާނެ، އަދި މީގަ އެންމެ ވަރުގަދަ ސްލޯގަންތައް ހިފައިގެން ނުކުންނަ ހާއްސަ ބަޔަކީ، އަމަލީ ތަންފީޒީ އެއްވެސް މަސައްކަތެއް ކުރުމުގެ ނިޔަތެއްް ނެތި އެހެންނަމަވެސް ބަހުން އެންމެ ވަރުގަދަ ސްލޯގަންތަކެއް ހިފައިގެން ނުކުންނަ ބަޔަކީ، ފަތިހަށް އަލިވިލޭ ރަށްވެހި ފަތިހެއް، މިއީ ކޯއްޗެއްތޯ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކޮވެލި ގޮވާ އަޑު އިވުމުން ފަތިސް ވީ ކަން އެނގުނު ނަމަވެސް މިއަދު އެ މަންޒަރު ނުފެންނަ ކަމަށެވެ. މިއަދު ފެންނަނީ ކޮވެލި ހާލި ހެދުމުން ކާޅު ބިސް އަޅާ މަންޒަރު ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސަރުކާރުން ހުޅުވަމުން ގެންދަނީ ހައްތަހާ ވެސް ކުރީ ސަރުކާރުގެ މަޝްރޫއުތައް ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

"ކޮވެލި ގޮވާ އަޑު އިވުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ފަތިސް ވަނީކަން، މިއަދުގެ ނާމާންކަން އޮތީ ކިހާ ހިސާބެއްގައިތޯ، މި ފަތިސް ވެގެން ދިޔައިރު މިހާރު ކޮވެލި ގޮވާ އަޑެއް ވެސް ނީވެ، ކުކުޅުހާ ގޮވާ އަޑު ވެސް ނީވޭ، މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ކޯއްޗެއްތޯ؟ އަޅުގަނޑަށް ވަރަށް ގިނައިން ފެނޭ ކޮވެލި ހަދައިފައި ހުންނަ ހާއްޔަށް ކާޅުތައް އައިސް ޖައްސައިފަ ނިކުމެގެން ދާތީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަހާ ވެސް ކަމަކީ ރިބަން ފަށް ކެނޑުން ކަމަށާއި ފެންނަ ހަމައެކަނި މަންޒަރަކީ އެއީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހައްތަހާ ވެސް ރިބަން ފަށް ކަނޑާތަން، ރިބަން ފަށް ކަނޑާތަން މި ފެންނަނީ، އެހެންވެގެން ކޮވެލި ބުރަ މަސައްކަތެއް ކުރީމާ ކާޅު އެހާއްޔާ އެހާ ދޯޅުވާ ސަބަބު، ހަމަ ރިބަން ފަށް ކެނޑުން،" ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނައިބު ރައީސް މިވަގުތު ކޮން ކަމެއްތޯ ކުރައްވަނީ، ވަރަށް ބުރަކޮށް އެ އުޅުއްވަނީ، ބުރަކޮށް އުޅުއްވަނީ ކީއްވެތޯ، އިމާރާތެއްގައި ހުރި ލިފްޓެއް ހުޅުވައިދެއްވުމަށް ވަޑައިގަންނަވަނީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ތަރައްގީ ގެންނަނީ ސިކުނޑިއަށް ކަމަށް ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް