މިއަދު އަލަށް ޕޮޒިޓިވްވީ 100 މީހުން، މާލެއިން 19 ކޭސް

ކޮވިޑް ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ގޮވައިލައިފައިވާ ޕޯސްޓަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 100 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 3769 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 19 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 71 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް ޕޮޒިޓިވް ވެފައިވަނީ 10 މީހުންނެވެ.

ކޮވިޑް ޖެހިގެން 17 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 91،993އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 90،003 ގައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،726ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 251 މީހަކު މަރުވެފައިވެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ދެކުނު އެފްރިކާއިން ފެނި ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް