އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތް، ނުރައްކާ އޮތީ 'އިންޑިއާ އައުޓް' ކެމްޕެއިނުން: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

އިންޑިއާ އާ ދެކޮޅަށް ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ދިވެހިން ނިކަމެތިވެދާނޭ ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުޤައްރިރު، ހިތަދޫ އުތުރުދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ 2016 ވަނަ އަހަރު އެއްބަސްވި، އުތުރުތިލަަފަޅު އެއްބަސްވުމާއި މިހާރު އޮތް އެއްބަސްވުމާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން އެއިރު އެ އެއްބަސްވުން އޮތީ އެތަނުގައި މިލިޓަރީ ބޭސްއެއް ފަދަ ތަނެއް ގާއިމް ކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"[އެއިރު އޮތީ] މުޅި އެ ތާގައި ރަންވޭއެއް އަޅާ ގޮތަށް، އެއީ ހަމަ މިލިޓަރީ ބޭހެއްގައި ބޭނުން ކުރާ ކަހަލަ ރަންވޭއެއް، މިލިޓަރީ ބޭސްއެއްގެ ވަސީލަތްތައް ވެސް ގާއިމް ކުރާ ކަހަލަ ގޮތަކަށް،" އަސްލަމް ވިދާޅުވިއެވެ.

އެ ޕްލޭން ވެސް ގޯސް ނޫން ކަން ފާހަގަކުރައްވައި އަސްލަމް އިތުރަށް ވިދާޅުވީ މިހާރު އޮތީ އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި މަދު ވަސީލަތެއް ގާއިމް ކުރުން ކަމަށެވެ. އަދި މިގޮތުން ބޭނުން ކުރާނީ ވެސް ކުރިއާ ހިލާފަށް އުތުރުތިލަަފަޅުގެ ކުޑަ ސަރަހައްދެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރު ރާއްޖެއާ އިންޑިއާއާކު ވެފައިވާ އެއްބަސްވުންތައް ނުވަތަ ލެޓާ އޮފް އެކްސްޗޭންޖެއްގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސްކަމެއް ނެތް ކަމަަށެވެ.

ހަމައެހެންމެ މިހާރު އެ އެއްބަސްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއާއެކު ހަދައިފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި އަމަލު ކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަދައިފައިވާ އެއްބަސްވުމަކަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެއްބަސްވުންތަކުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ވާ ކަމެއް ނެތް ކަން ފާހަގަކުރައްވާ އަސްލަމް އިތުރަށް ވިދާޅުވީ ތާރީހަށް ބަލާއިރުވެސް އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަށް މަސައްކަތްކުރިތަން ފެންނަން ނެތް ކަމަށެވެ.

އިންޑިއާއިން ވެދީފައިވާ އެހީތައް ފާހަގަކުރައްވާ، އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕެއިނަކީ ބަޔަކު މީހުންގެ އޮޅުވާލުންތަކަކާއެކު، ސިޔާސީ މަންފާތަކެއް ހާސިލްް ކުރުމަށް ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި އަސްލަމް ސިފަ ކުރެއްވިއެވެ.

"މިހާ މިންވަރަށް އަޅުގަނޑުމެންނަށް އެހީތެރިވެފަ، ގާތްކަން އޮންނަ ގައުމެއް، ދެން އެއްވެސް ސަބަބެއް، އެއްވެސް ކަހަލަ ކަމަކަށް ނުވާ ގޮތަށް ނިކުމެ، އިންޑިއާ އައުޓް ގޮވާއިރު އަޅުގަނޑަށް ހީވަނީ އޭގެ ނުރައްކާވެ، މާ ބޮޑަށް އައުޓް ކުރަން އޮތީ އަޅުގަނޑުމެން ހެން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިފަދަ ކެމްޕެއިންތަކުގެ ސަބަބުން އިންޑިއާއިން ވެދެމުން އަންނަ އެހީތަކުން ދިވެހިން މަހުރޫމް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ވެސް ކޮށްގެން ނުވާނެ ފަދަ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން ނިންމައިފައިވަނީ މައްސަލައެއް ނެތް ކަމަށެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން ވަނީ މި މައްސަލައިގައި އިންޑިއާއާއެކު ވެފައިވާ ތިން އެއްބަސްވުމެއް ދިރާސާކޮށްފައެވެ. އެގޮތުން ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ރާއްޖެއަށް އިންޑިއާ އިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގެ އިތުރުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުން ވަނީ ކޮމިޓީން ދިރާސާކޮށްފައެވެ.

ކޮމިޓީގެ ހޯދުންތަކަށް ބަލައި، އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށާއި، އަދި މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ތަންފީޒުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި ގައުމަށް ނުހަނު ފައިދާވެގެންދާނެ ކަމެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް