މިއަހަރުގެ ބެޑްނައިޓްސް 10 މިލިއަނަށް އަރައިފި، 2019ގެ ރެކޯޑު މުގުރާލެވޭނެ: މައުސޫމް

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 10 މިލިއަނަށް އަރައިފި ކަމަށާއި، މިރޭޓުން ދާނަމަ 2019އިގެ ރެކޯޑު މުގުރާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރު ބެޑްނައިޓްސް 10.7 މިލިއަނަށް އެރި ކަމަށެވެ. އަދި މިއަހަރުގެ ބެޑްނައިޓްސްގެ އަދަދު މިމަހުގެ މެދުތެރޭގައި އެއަށް ވުރެ އިތުރުވާނެ ކަމަށެވެ.

އެހެންކަމުން މިނިސްޓަރު ވަނީ މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަހުނިޔާ ކިޔާފައެވެ.

މިއަހަރު ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން ފުރަތަމަ އަންދާޒާ ކުރީ އެއް މިލިއަން ފަތުރުވެރިން ކަމަށްވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ފަހުން ވަނީ އެ އަދަދު 1.5 މިލިއަނަށް އިތުރުކޮށްފައެވެ. އެއީ ސަރުކާރުން ލަފާކުރި ވަރަށް ވުރެ އަވަހަށް ކޮވިޑް19ގެ ވެކްސިން ލިބުމުން ކަމަށް މީގެ ކުރިން މައުސޫމް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރު ވިދާޅުވީ މިއަހަރު ފަތުރުވެރިންގެ އަދަދު ގުނުމުގެ ބަދަލުގައި ބެޑް ނައިޓްސް ގުނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެއީ ބެޑްނައިޓްސްއާ ލިބޭ އާމްދަނީއާ ގުޅިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އައީ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރު 29 ވަނަ ދުވަހާ ހަމައަށް 1.15 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އޯގަސްޓް މަހުއެވެ. އެގޮތުން އޯގަސްޓް މަހުގެ ތެރޭގައި 143،599 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރުގެ މާޗް މަހުގެ އިތުރުން ޖުލައި އިން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ މަހަކުވެސް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއައެވެ.

ރާއްޖެއަށް މިހާރު އެވްރެޖުކޮށް ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދަކީ 4،831 އެވެ.

މިދިޔަ ހޯމަ ދުވަހާ ހަމައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ، ރަޝިޔާ އަދި ޖަރުމަނާއި ޔޫކޭގެ އިތުރުން ޔޫއެސްއޭއިންނެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އެރީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 ފަތުރުވެރިންނެވެ. އަދި 2019 ގައި 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް