ދީނުގެ ކަންތައް ރަނގަޅު މަސްދަރުން ނުހޯދާނަމަ އަގީދާއާ ހިލާފު ކަންތަކަށް މަގުފަހިވޭ: ހުތުބާ

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޡަމުގައި މިއަދު ކުރެވޭ ހުކުރު ނަމާދުގެ ތެރެއިން--

ދީނުގެ ކަންތައް ރަނގަޅު މަސްދަރުން ނުހޯދާނަމަ އަގީދާއާ ހިލާފު ކަންތަކަށް މަގުފަހިވާ ކަމަށް ބުނެ، އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފިއެވެ.

ޙުތުބާގައި ބުނީ، އިންސާނާގެ ހަޔާތުގައި އީމާންކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އިސްލާމީ އަގީދާގައި އީމާންކަމަކީ، ވަކި ކަންތައްތަކެއް ހިތުން ތެދުކޮށް ގަބޫލު ކުރުމާއި ދުލުން ކިޔައި، އިގުރާރު ވުމާއި އަމަލު ކުރުމެވެ.

އީމާންކަމަކީ އުނިވެ، އިތުރުވާ އެއްޗެއްކަން ފާހަގަ ކުރަމުން ޚުތުބާގައި ބުނީ އީމާންކަން އިތުރު ކުރުމަށްޓަކައި ބައެއް އަސްހާބު ބޭކަލުން، އެއް ބޭކަލަކު އަނެއް ބޭކަލަކަށް ހެޔޮކަންކަމަށް ވާގިވެރިވާ ކަމަށެވެ.

ހަމައެޔާއެކު، އީމާންކަން ބަލިކަށިވާ ސަބަބުވެސް ހުންނަ ކަމަށް ހުތުބާގައި ބުންޏެވެ.

"އޭގެ ތެރޭގައި ޖާހިލުކަން ހިމެނޭ. އަގީދާއާއި ދީނުގެ ކަންތައްތައް ރަނގަޅު މަސްދަރުތަކުން ނުހޯދުމުގެ ސަބަބުން، އިސްލާމީ އަގީދާއާ ތަޢާރަޟުވާ ޢަމަލުތައް އިތުރުވެއްޖެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން، އީމަންކަން ބަލިކަށިވާ ސަބަބު ތަކުގެ ތެރޭގައި ޣާފިލުވުން ހިމެނޭކަމަށް ހުތުބާގައި ބުންޏެވެ. ޣާފިލުވުމުގެ ތެރޭގައި، މާތް ﷲ އަށް އަޅުކަން ކުރުން ދޫކޮށްލައި، ދުނިޔަވީ ކަންތައްތަކުގައި މަސްއޫލު ވެގެން އުޅުން ހިމެނޭކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން، ނުބައި ކަންތައްތަކަށް ގޮވާލުމާއި ދުނިޔެއާއި ދުނިޔޭގެ ފިތުނަ ތަކަކީ އީމާންކަން ބަލިކަށި ކުރުވާ ސަބަބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އީމާންކަން ވަރުގަދަ ކުރުމަށްޓަކައި، ނަމާދުގައި ޚުޝޫޢަތްތެރި ވުމާއި ގުރުއާން ކިޔަވައި، އާޔަތްތަކަށް ވިސްނާ ފިކުރު ކުރަން ހުތުބާގައި ގޮވާލިއެވެ.

މީގެ އިތުރުން، ޝަރުޢީ އިލްމު ރަނގަޅު ގޮތުގައި ހާސިލު ކުރުމަކީ އިންސާނާގެ ހިތުގައި އީމާންކަން އުފެދި އިތުރުވާ ސަބަބެއް ކަމަށް ހުތުބާގައި ބުންޏެވެ.

"އީމާންކަން ހަރުދަނާކޮށް، އިތުރުކޮށްދޭ އެންމެ ބޮޑު އެއް ކަމަކީ އިހުލާސްތެރިކަމާ އެކު ހެޔޮ އަމަލުތައް ގިނަކުރުން. އަދި ގިނަގިނައިން މަރު ހަނދާންކުރުން،" ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް