އާލް އިމްރާނު ސޫރަތުގެ ސަތޭކަ ތިރީސް ނުވަ ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވަނީ" ތިޔަބައިމީހުން ފިނޑިވެ ނިކަމެތި ނުވާށެވެ. އަދި ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ. މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އެއީ ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ."

***

"އެއީ ޝައިތާނީ ބުޅަލެއް.."އާވާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"އޭނަގެ ވެރިޔާއާއި އެއްގޮތަށް ހަމަ..." ފަހު ޖުމްލަތައްވީ އާވާގެ ސިކުނޑީގައެވެ.

"ސީ ޔޫ ސޫން އާވާ... އަހަރެން ހިތަށް އެރީ އާވާއަށް އެނގެން ވާނެއޭ. ބައްޕަގެ ހުށަހެޅުން ވަރަށް ޝުކުރުވެރިކަމާއެކު ގަބޫލުކުރަން ނިންމައިފިން.." ކައިލް ކާރާއި ދިމާލަށް ދަމުން އާވާއާއި ކައިރިން އަޅައިލި ވަގުތު ބުނެލި އެއްޗަކުން އާވާ ސިހި ހައިރާންވެ އަންތަރީސްވިއެވެ. ނާޔަލްއަށް އަޑުއިވުނުތޯ ބަލައިލަން އާވާ އެނބުރުނުއިރު އޭނަ ހުރީ ގޭޓުކައިރީ މެހުމާނަކާއި ވާހަކަދައްކާށެވެ.

ކައިލްގެ މީހުން ކާރުކައިރީ އޭނަގެ އިންތިޒާރުގައި ތިއްބެވެ. އަދި ބުޅާ އެގޮތަށް ފުންމާލައިގެން ދިޔަކަމަށްޓަކާ މާފަށް އެދުނެވެ.

"ކޮންއިރަކު ސިމްބާ އެތެރެއަށް ގެންދިޔައީ؟" މިކާލް ކާރުގެ ސީޓުގައި ލެނގިލަމުން ސުވާލުކޮށްލިއެވެ."ގަސްތުގައި ކުރި ކަމެއްތަ؟"

ކައިލްގެ ތުންފަތަށް ވެރިވި ލުއި ހިނތުންވުން ޖަވާބަކަށް ފުދުނެވެ. މިކާލް ހިނިގަނޑެއްޖަހާލައިފިއެވެ."މޭން ކަލޭ ޕާޓީ އެއްކޮށް ޚަރާބުކޮށްލައިފި."

މިކާލްގެ ނަޒަރު ހުއްޓުނީ ކައިލްގެ އުނގުގައި ވެޑުވިގެން އޮތް ބުޅަލަށެވެ. ކުރެވުނުކަމާއިމެދު ފަޚުރުވެރިވެ އެސޮރުގެ މަސައްކަތް ފުރިހަމަކުރެވުނުކަން އެނގިގެން އޮތްފަދައެވެ."އެކަމަކު ކީއްވެތަ؟"މިކާލް ސުވާލުގެ ނަޒަރަކުން ބަލާލިކަމުގައި ވިޔަސް ޖަވާބަކަށް އުއްމީދެއް ނުކުރެއެވެ. ކައިލް ބޮޑުކަމެއް ރާވަމުންދާކަމަށް ވަނީނަމަ އެކަމެއް އަވަހަށް ނޫނީ ލަހުން ހިންގިކަމުގައިވިޔަސް މިކާލްއަށް ނޭގިއެއް ނުދާނެއެވެ.

***

ނޯރާ އެނދުގައި ޖައްސައިލިގޮތަށް އެއްޗެއް ދޭހަނުވެފައި އިނެވެ. ކައިލް ވިންޓަރފެލްގައި ހެއްޔެވެ؟ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއްނޫނެވެ. އެއީ ކިހިނެއްހެއްޔެވެ؟ އެއީ ހަގީގަތުގައިވެސް އޭނަ ހެއްޔެވެ؟ ނޫނީ ސިކުނޑި ދައްކުވައިލި މަންޒަރެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ހަމަ އޭނައެވެ. އެ މޫނުގެ ބައްޓަމެވެ. އެހެން މީހެއްގެ މޫނުކަމަށް އޮޅުން އަރާނެ މޫނެއް ނޫނެވެ. އަދި އަންގި ލެއްވި އަތްވެސްމެއެވެ. އޭނަ ވިންޓަރފެލްގައި ކީއްކުރަނީހެއްޔެވެ؟ އަދި އެވެސް ރޭގަނޑު ކެއުމެއްގައެވެ. އޭނައަށް ނޯރާ ވަކިކުރަން އެނގުނުބާވައެވެ. އޭނަ ވިސްނައިލިއެވެ. މިގޭގައި އޭނަ ހުރުމުން ކައިލް ހީކުރާނީ ކީކޭހެއްޔެވެ؟ ކައިލް ހުރީ އައިޒަކްއާއި އެކުގައެވެ. އޭނަ އައިޒަކް ކައިރިން އޮޅުން ފިލުވާނީއެވެ. އެކަމަކު އެއްވެސް ކަމަކާއި ބެހޭގޮތުން އައިޒަކްއާއި އަނގައިން ބުނާހިތެއް ނުވެއެވެ.

އެވަރުންވެސް ނޯރާއަށް ކެތްނުކުރެވިގެން ހިތާއި ދެކޮޅަށް އައިޒަކް ހުރިތަނެއް ހޯދަން އޭނައަށް ހިނގައިގަނެވުނެވެ. އޭނައަށް އައިޒަކް ފެނުނީ ސާރާއާއި ސާރާގެ މައިންބަފައިންނާއި އަދި އޭނަ ނުދަންނަ ޒުވާނަކާ އެކުގައެވެ. ފަހުން އެއީ ސާރާގެ ދެބެންގެ ދެދަރި ބޭބެއެއްކަން އެނގުނެވެ. އެމީހުންގެ ވާހަކަތަކުގެ ތެރެއަށް އަނގަ ނުބާނަންވެގެން އޭނަ އަވަހަށް އެނބުރި ދަނިކޮށް ހައިތަމްއާއި ލިއާނާ ހޯލުގެ ކޮރިޑޯއިން ދާ މަންޒަރު ލޮލުގައި އަޅައިގަތެވެ. އެ މަންޒަރުގައި ގޯހެއް ވިއެވެ. ހައިތަމް ލިއާނާގެ އަތުގައި ހިފަހައްޓައިގެން ހުރީ ތަންކޮޅެއް ބާރަށްކަން އޭނައަށް އެނގުނެވެ. ނޯރާ ވަގުތުން ނަޒަރު އެއްފަރާތްކޮށްލިއެވެ. އެހެން މީހުންގެ އަމަލުތަކަށް ނިޔާ އިއްވުމަކީ އޭނަގެ ކަމެއްނޫނެވެ.

"ނޯރާ...." ނޭވާ އުފުރިއަރާ ގޮތްވެފައި ހުރި އާވާ ސިޑިން އަރައިގެން އަންނަމުން ނޯރާ ފެނުމާއެކު އަތުގައި އޮޅުލައިގަތެވެ."ވާހަކައެއް ދައްކަން އެބަޖެހޭ.ހަމަ މިހާރު."

އާވާގެ ގަނޑުވެފައިވާ އަތްތިލަ ޖެހިލުމުން ނޯރާވެސް ހީކަރުވައިގަތެވެ. ނޯރާގެ އަނގައިން ލަފުޒެއް ބޭރުނުވަނީސް އާވާ އޭނަ ދަމަމުން ކަހަލަގޮތަކަށްގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

"ކިހިނެއްވީ؟" ނޯރާ ލޯ ބޮޑުކޮށްލިއެވެ.

"މި ހެއްވާ ޚަބަރު ގަބޫލުކުރަންވެސް ދަތިވާނެ..."އާވާ ކޮޓަރީގެ ހީޓަރު ޖައްސައިލުމަށްފަހު ކައިރީގައި އިށީދެ އަތް ދިއްކޮށްލީ ހޫނުކުރުމަށެވެ."އެ ބޭކަރީގެ ފްރެންޑް ދަންނަމެއްނު؟ އާވާ އެހިއެވެ.

ނޯރާ ބޯ ޖަހައިލިއެވެ."ކައިލް؟"

"ހޫމް ކައިލް. އެއީ އެކުވެރިއެއްތަ؟"އާވާ ސުވާލުކުރިއެވެ.

"ސީދާ އެކުވެރިއެކޭ ނުބުނެވޭނެ.." ކުއްލިއަކަށް ނޯރާއަށް އަތުގެ ހިމާޔަތަށް އަމިއްލަ ހަށިގަނޑު ގެނެވުނެވެ. ހީޓަރު ޖައްސާފައި ހުއްޓަސް ކުއްލިއަކަށް އޭނައަށް ފިނިވެއްޖެއެވެ.

"އާވާ ތިހާ ހާސްވެފައި ހުރެ ދޭން އުޅޭ ޚަބަރަކީ ކޮބައިތަ؟ ވަޓް އެބައުޓް ހިމް؟ އޭނަ މިތާ ކީއްކުރަނީ؟"ނޯރާ ޝައުގުވެރިކަން ފޮރުވަން އުޅުނެއްކަމަކު އަޑުން އެކަން ހާމަވިއެވެ.

"ވީއިރު ނޯރާއަކަށްވެސް ނޭގޭ ދޯ. ހޫމް؟ އޭނައަކީ މިހާރު މަޝްހޫރު ވިޔަފާރިވެރިއެކޭ.."އާވާގެ ޖުމްލައިން ނޯރާގެ ބުމަވެސް މައްޗަށް އެރިއެވެ." އެބޭކަރީ ފިރިހެންކުއްޖާއަށް އެންމެން ލޯ ހުއްޓިފައިވަނީ. އެންމެން އޭނައާއި ވިޔަފާރީގެ ގޮތުން ގުޅެން ބޭނުންވޭ..

"ހަމަތެދެއްތަ؟ ޕެޓްރިކޯއަކީ ހަމައެކަނި ބޭކަރީއެއް ނޫންތަ؟" ނޯރާއެހިއެވެ. އޭނަ ޕެޓްރިކޯގެ ނަން އަހައެވެ. އެކަމަކު މިހާ ގަދަ ބްރޭންޑަކަށް ވެދާނެކަމަށް ހިޔެއްނުކުރެއެވެ. އަދި ޕެޓްރިކޯގެ ވެރިޔާއަކީ ކައިލް ހެއްޔެވެ؟ އިސްހާގުއަށް ނުވީ ކީއްވެހެއްޔެވެ؟

"އެއީއެއް ނޫނޭ އަދި ޚަބަރަކީ. އޭނަ ބޭނުމޯ އަހަންނާއި ކައިވެނި ކުރަން..." އާވާ ރޮއިގަތެވެ. އެ އަޑުގައިވަނީ ގޮތްހުސްވެފައިވާ ކަމެވެ. އެ ޚަބަރަށް ރިއެކްޓްކުރަން ވީގޮތެއް ނޯރާގެ ވިސްނުމަކަށް ނައެވެ. ނޯރާއަށް އާވާއަށް ނަޒަރު ހުއްޓައިލިގޮތަށް އެސްފިޔަ ޖަހައިލަންވެސް ނޭގި ހުއްޓިފައި އިނދެވުނީއެވެ. އާވާވެސް ކަންބޮޑުވިއެވެ.

"ހާލު ރަގަޅު ނޫނީތަ؟ ނޯރާ ބަލި ވައްތަރު ޖަހަނީ...."

"ކައިލް އާވާއާއި ކައިވެނި ކުރަން ބޭނުންވީ؟" ނޯރާ ތަކުރާރުކޮށް އެހިއެވެ."މިރޭ މިތަނަށް އައީ އެހެންވެތަ؟"

"ނޯރާއަށް އޭނައާއި ވާހަކަ ނުދެއްކޭނެތަ؟އޭނަ ރަގަޅަށް ދަންނަމެއްނު. މި ކައިވެނީގެ ކުޅިގަނޑަށް ނުވަންނަން އޭނައަށް ކޮންވިންސްކޮށެއް ނުދެވޭނެތަ؟"

"އާވާ. އޭނަ ކައިވެނިކުރަން ބޭނުންނަމަ ހުއްޓުވާނީ ކިހިނެއްތަ؟" އޭނަގެ އަޑު ކެނޑޭ ގޮތްވުމުން އެކަން ފާހަގަވިޔަނުދޭން އޭނަ މަސައްކަތްކުރިއެވެ. ކައިލްއާއި އާވާގެ ކައިވެނި ތަގުދީރުގައި ލިޔުއްވާފައިވާނަމަ އޭނައަށް އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ބަދަލެއްނުވާނެއެވެ.

"ކީއްވެ ކައިލްއާއި މެރީ ކުރާން ބޭނުންނުވަނީ؟"ކުއްލިއަކަށް ނޯރާ ސުވާލުކުރިއެވެ. އާވާ މޫނު ހުތުރުކޮށްލިއެވެ.

"ސީރިޔަސްކޮށްތަ ނޯރާ؟ އަހަރެން ފިރިހެނުން ދެކެ ފޫހިވޭ. ރުޅިއާދޭ އަދި އެ ކައިލް ހުންނަލެއް....އަހަންނަކަށް ނޭގޭ އޭނަ ދެނީ އަސްލު އީވިލް ވައިބް. އޭނަގެ ލޮލުގައި ހުންނަ މަރައިލާފަދަ ވިދުވަރު ނުދެކެންތަ؟ އަދި ހަމައެކަނި އެބިރުވެރި ދެލޯވެސް ފުދޭ..."

ނޯރާ އާވާގެ އެނދަށް ވެއްޓިގަތްގޮތަށް ހޭންފެށިއެވެ. އާވާވެސް ހައިރާންވީ ނޯރާގެ ކޯތާފަތުން ކަރުނަތައް ދެމެންދެން އޭނައަށް ހެވުނީތީއެވެ. ނޯރާ މޮޔަވީހެއްޔެވެ؟ ނޯރާ ހުނުން ހުއްޓައިލިހިނދު އޭނަ ސީލިންއަށް ކަޅި ހުއްޓާލައިގެން އޮތީއެވެ."އާވާ. އެއީ އީވިލް މީހެއްނޫން. އަހަރެން ޔަގީންކަން ދެން. އަދި އެއީ މީހުން މަރާ މީހެއްވެސް ނޫން...."

ނޯރާ މަޑުމަޑުން އެހެން ބުނެލާފައި ހެދުމުގެ އަތުކުރިން ކޯތާފަތުގައި ހުރި ކަރުނަތައް ފޮހެލީ ތަންކޮޅެއް ބާރަށެވެ.

"ކިހިނެއް އެނގުނީ؟" އާވާ ހަށަން ބަދެލިއެވެ.

"އޭނަގެ މާމައެއް ހުރޭ.." ނޯރާ ސީލިންއިން ނަޒަރު ވަކިކުރުމެއް ނެތި ބުނެލިއެވެ." ވަރަށް ދުވަސްވީ މާމައެއް. އޭނަ ލޯފަން. އެކަމަކު މާމަގެ ދުވަސްތައް ކުލަގަދަކޮށް ދަނީ އޭނަގެ މާމަދަރިފުޅާއިހެދި. އޭނަގެ ބަސްތަކުން މާމައަށް މަންޒަރުތައް ޕެއިންޓްކޮށްދޭ. މާމަ ބުނާގޮތުން އޭނަގެ މާމަދަރިފުޅުގެ ސިފަކުރުންތަކުން އެތަންތަން ރީތިކަމުން މާމައަށް އަމާންކަން ލިބި ހިތް އުފާވޭ....."

"އެންމެންވެސް ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތާ.." އާވާ ވަގުތުން އިންސާފުކުރިއެވެ.

"މާމައަށް ކަމޭހިތާ އެންމެ ވިލަންއެއްގެ ނަންވެސް ބުނެބަލަ.." ނޯރާ ހިނިތުންވެލާފައި އެނދުން ފޭބިއެވެ. "އެއީ ހަމަ ވަރަށް ރަގަޅު ޒުވާނެއް. އާވާއާއި ކައިވެނިކުރަން ހުށަހެޅީމަ ވަރަށް ހައިރާންކަން ލިބިއްޖެ...އޭރު ވެދާނެ އަންހެންކުދިންނާއި ހިތާވެގެން ނޫޅެނީކަމަށް. އެކަމަކު ހީވާގޮތުން އޭނަ ބަދަލުވެއްޖެ."

"އޭނަގެ މޫނުމަތީގައި ހުރި ނުލަފާވައްތަރު ފެނުނުނަމަ..ނޯރާ. ހީވަނީ އޭނަގެ އެހެން ނިޔަތެއް އޮތީހެން.އަހަރެމެންގެ ފެމިލީ ވިޔަފާރިން ފައިދާގަނޑެއް ނަގަން ކަމަށްވާނީ...."

"އާވާ.. އަބަދަށްޓަކާ ހުސްހަށިބަޔަށް ހުންނާނީތަ؟ނޫނީ ލައިކްވާ އެހެން މީހެއް ހުރީތަ؟"ނޯރާ ސުވާލުކުރިއެވެ.

"ވެލް......ޔެސް.." އާވާ ރުޅިވެރިގޮތަކަށް ބުނެލިއިރު އޭނަގެ މޫނު ރަތްކުލައިން ދިއްލިއްޖެއެވެ.

"އޯ....އާވާ ރުހޭ ކުއްޖަކު ހަމަ ހުރީތަ؟"ނޯރާ ހައިރާންވެފައި އެހިއެވެ.

"އާން ނޫން.....އައި މީން އަބަދަށްޓަކާ ހުންނާނީ ހަމަ މިހެން ސިންގަލްކޮށް.."އާވާ އަވަސްއަވަހަށް ބުނެލައިފިއެވެ.

"ނަމާދުކޮށްފިންތަ؟ "ނޯރާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އެހިއެވެ. އޭރު އަށްގަޑިބައިވީއެވެ."މިއުޅެނީ ނަމާދު ކޮޓަރިއަށް ދާން. ސާރާ އިންތިޒާރުގައި ހުންނާނެ. ތައްޔާރުވެލައިގެން އަންނައްޗޭ އޯކޭ؟ ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ އާވާ. ފަހަރެއްގައި ހަމަ އާވާއަށް އޭނައާއި ރުހެވިދާނެ. މިވަގުތަށް އެކަން ހަނދާން ނައްތައިލާ. ހަމަޖެހުނީމަ އަނެއްކާ އެކަމާއިވިސްނާނީ.

"ކައިވެންޏަކީވެސް އެހާ ގޯސްކަމެއް ނޫން އެނގޭތަ؟"

ނޯރާ އާވާގެ އަތަށް މަޑުމަޑުން ފިތައިލިއެވެ. ކޮންމެވެސް ސަބަބަކާއިހެދި ނޯރާގެ މަޑުމައިތިރި އަޑުން އާވާގެ ނާރުތަކަށް ހިމޭންކަން ލިބި މީހާ ހަމަޔަކަށް އެޅުނެވެ. ނޯރާ ދާތަން ބަލަން ހުރެފައި އާވާ ކިޔައިލިއެވެ."އެބަ އަންނަން އެންމެ މިނިޓެއްގެ ތެރޭ.."

އާވާ ނަމާދުކޮޓަރިއާއި ދިމާލަށް ދަނިކޮށް އައިޒަކްގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން އިންތަން ފެނި ބޯ ދިނެވެ. އޭނަ ޓީވީއިން މެޗެއް ބަލަމުން ދަނީއެވެ. އޭނަގެ ޓީމު މޮޅުވާތީ ހަޅޭއްލަވަމުން ދިޔައީ ނިކަން ޖޯޝާއި ފޯރީގައެވެ. އޭނަގެ ކޮޓަރީގެ ފާރުތައް ފުރައިލެވިފައިވަނީ އޭނަ ތާއީދުކުރާ ޓީމުގެ ކުޅުންތެރިންގެ ފްރޭމްކުރި ފޮޓޯތަކުންނެވެ.

މާތްﷲ ގުރުއާނުގެ އާލް އިމްރާނު ސޫރަތުގެ ސަތޭކަ ނުވަދިހަ ހަތްވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ" އެއީ ކުޑަ ކުޑަ ވަގުތީ އަރާމެކެވެ. ދެން އެއުރެން ތިބޭނެ ތަނަކީ ނަރަކައެވެ. އެތަންމަތީގެ ހުރި ނުބައިކަމާއެވެ."

ގުރުއާނުގެ އެއާޔަތުގެ މާނަ އެވަގުތުކޮޅު އޭނަގެ ހިތަށް ވެރިވެ ރޫރޫ އަޅާގޮތްވިއެވެ. އައިޒަކް ކުރާކަމަކާއި ނުބެހިދާން ހިތަށް އަރާފައިވެސް އެ އާޔަތް ތާޒާކޮށް ސިކުނޑީގައި ބިންވަޅު ނެގިފައި ހުރުމުން މަޑުކޮށްލެވުނެވެ.

"އޭ އައިޒަކް. އިޝާ ނަމާދު ވަގުތު ވެއްޖެ. ކިތައް ނަމާދު މިއަދު ކޮށްފިންތަ؟" އާވާ ސުވާލުކުރިއެވެ.

"އަހަންނަށް އުދަގޫނުކޮށް މިތަނުން ދޭ އާވާ.އަދި ތިކުރާ ކަމެއް އަހަރެން ނެތަސް ކޮށްބަލަ.."

"ހާދަ ނުލަފައޭ. އަހަރެން އުޅުނީ އެހީވާން ޔޫ އިޑިއަޓް.."އާވާ ރުޅިގަދަކަމުން އައިޒަކްއާއި އަދަބުވެރިކަމާއެކު ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވިއެވެ.

"އާވާ. ތިމާއަށް ވުރެ އުމުރުން ދުވަސްވީ މީހުންނާއި ވާހަކަދައްކަން ޖެހޭގޮތެއް ނޫން ތިއީ. އާވާއަށްވެސް އެބަ ފެނެއެއްނު އައިޒަކް ކަމެއްގައި އަވަދިނެތި އުޅޭތަން. ވީމަ މިތަނުން ދޭ..ބޭނުމެއްނޫން ތި ދެބެން އަރައިރުންވާތަން ދެކެން...."ޒައިނަބްގެ އަޑު އިވުނެވެ.

އާވާ އިތުރު އެއްޗެއް ބުނުމެއްނެތި ނަމާދުކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ބަރުވެފައިވާ ހިތަކާއެކު އޭނަގެ އާއިލާވެސް ދީނަށް ތަންކޮޅެއް ބޮޑަށް ސަމާލުކަން ދިނުމަށް ހިތާހިތުން އެދެވެމުންނެވެ.ނޯރާއާއި ސާރާއަކީ އެ އާއިލާއަށް ލެއްވި ރަހުމަތެއްފަދައެވެ. އެދެކުދިންގެ ސަބަބުން އާވާއަށް ރަގަޅުމަގު ޚިޔާރުކުރުމުގައި އެހީތެރިކަން ލިބުނެވެ. ދުވަހަކުވެސް އެންމެ ނަމާދެއް ވައްޓައިނުލުމާއި ނަމާދަށް ބަހައްޓާ ފަރުވާތެރިކަމާއި ޚުޝޫއަތްތެރިކަމާއި އާވާއަށް ރުހެވުނެވެ. އާވާގެ މަންމަ ފަހަރެއްގައިވެސް އޭނަގެ ގާތުގައި ނަމާދާއި ބެހޭގޮތުން ސުވާލުކޮށްފައެއްނެތެވެ. އޭނަ ނަމާދުކުރިތޯ އަހާނުލާތާ ނަމާދުނުކުރިޔަސް މަންމަގެ ފަރުވާލެއްނެތެވެ. މުސްލިމުންގެ ނަމުގައި ތިބުމުގެ މާނައެއް އެއްގޮތަކަށްވެސް އާވާއަކަށް ނުވިސްނުނެވެ. ސާރާއާއި ނޯރާ އޭނަގެ ހަޔާތަށް އަންނަން ދެނެވެ. މުސްލިމެއްކަމަށް ބެލެވި ނިސްބަތްވަންޏާ އެގޮތަށް އަމަލުކުރަންވެސް ޖެހޭނެއެވެ. ފަރުޟު ފަސްނަމާދުކުރުމުން އާވާއަށްވެސް ހިތާމަތަކާއި މާޔޫސްކަމުން ދުރުހެލިވެ އުއްމީދު ލިބޭގޮތްވެއެވެ. އެހެންނޫނަމަ އޭނަވެސް ވީ ގެއްލުމުގެ ތެރޭގައެވެ. ދީން ރަގަޅަށް އެނގުމުގެ ކުރިން އޭނަވެސް ދުނިޔޭގައި އުޅެމުން އައީ އެއްވެސް މިސްރާބެއް ނެތި ހިތަށް އައި ގޮތަކަށެވެ. އެކަމަކު މިހާރު ދިރިއުޅުމުގެ މަގުސަދު ވިސްނިއްޖެއެވެ. ދިރިއުޅުމަކީ މާނަ ހުރި ކަމަކަށް ވެއްޖެއެވެ. ބަގަރާ ސޫރަތުގެ ދުއިސައްތަ ފަންސާސް ހަތްވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ "ﷲ އީ އީމާންވި މީސްތަކުންގެ އެކުވެރިޔާއެވެ. އެފަރާތުން އަޅުތަކުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވައެވެ. އަދި ކާފިރުވީމީހުންގެ އެކުވެރިން ވާގިވެރިންނަކީ ޝައިތާނުންނެވެ.އަލިކަމުގެ ތެރެއިން އަނދިރިކަމުގެ ތެރެއަށް އެ ޝައިތާނުން އެއުރެން ނެރެތެވެ. އެއީ ނަރަކައިގެ އަހުލުވެރިންނެވެ. ނަރަކައިގާ އެމީހުން އަބަދަށްޓަކާ ދެމިތިބޭނެއެވެ. "

"ބައެއް މީހުން ދެކޭގޮތުން އެމީހުން ދުނިޔަވީ މަސައްކަތްކޮށް ފައިސާ ހޯދާ ކާމިޔާބު މީހަކަށްވުމުން އެމީހުންގެ ހަޔާތުގެ މަގުސަދު ހާސިލުވީއެވެ. އަދި ދިރިއުޅުމުގެ މާނަ ހޯދަނީ ގާތް ގުޅުންތަކުންނެވެ. އާއިލާއާއި މުހިއްމު އެހެން ކަންތައްތަކުންނެވެ. އަދި މީހަކު ދެކެ ލޯބިވެވިއްޖެއްޔާ އެމީހަކު ބުނާނީ ލޯބިވާ މީހާއަކީ އެމީހާއަށްޓަކާ ހުރިހާ އެއްޗެއް ކަމުގައެވެ. އަދި އޭނަ ދިިރިހުންނަނީ އަދި މަރުވާނީވެސް އެމީހާއަށްޓަކާ ކަމުގައެވެ. އެކަމަކު އެއީ ކޮންފަދަ މޮޔަ ކަމެއްހެއްޔެވެ؟ އެތަނުން އެކަކު މަރުވެއްޖެއްޔާ އެމީހާ މަރުވާނި އެކަންޏެވެ. އަދި ވަޅުލާނީވެސް އެކަންޏެވެ. އެ ހަށިގަނޑު ކަށިތަކަށްވެ ކަށިތައް ފީވެ ވެއްޔަށްވެ އެމީހާގެ ހުރިހާ ކަމެއް އެ ނިމުނީއެވެ. އެލޯބިވާ ދެމީހުންކުރެ ދުނިޔޭގައި ހުރި މީހާއަށް ވާނީ ކިހިނެއްހެއްޔެވެ؟ އެމީހާގެ ދިރިއުޅުމުގެ މާނައެއްނެތީހެއްޔެވެ؟ލޯތްބަކީ ހުރިހާ އެއްޗެއްކަމުގައި ނުދެކޭށެވެ. އެއީ ނާދިރު އެއްޗެކެވެ. އަދި އިންސާނަކަށް ޑިޕެންޑް ނުވާށެވެ. ސަބަބަކީ އެއީ ވަކިވެގެން ދާނެ މީހެކެވެ. އެކަމަކު ބަރޯސާވާންޖެހޭނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. އެއީ ދެމިވޮޑިގެންވާ ހަމައެކަނި ފަރާތެވެ.ހުރިހާ މަޚުލޫގުންވަނީ އެފަރާތަށް ބޭނުންވެފައެވެ. އެފަރާތުން އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުންވެ ވޮޑިއެއް ނުގަންނަވައެވެ. އެއީ ފެށުމެއް ނިމުމެއް ނެތް ދެމިވޮޑިގެންވާ ފަރާތެވެ." އާވާ ކިޔަމުން ދިޔައީ ނަމާދުކޮޓަރީގެ މަތާރަންފިލާމަތީގައި އޮތް ޖަރުމަން ބަހުން ލިޔެފައިވާ ލިޔުންކޮޅެކެވެ.ވީއިރު ނާޔަލްއާއި ބެހޭގޮތުން ބޭކާރުކޮށް ވިސްނުމުގެ ސަބަބެއްނެތެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

އާވާ ސާރާ އަދި ނޯރާއާއެކު އިޝާނަމާދުކޮށް ނިމުނުއިރު ހުރިހާ ނުތަނަވަސްކަމެއްފިލާ ހަމަޔަކަށް އެޅިއްޖެއެވެ. ނަމާދުން ނިމިގެން ތިންކުދިން ޖެހިގެން އައި ދުވަހަށް އެކި ޕްލޭންތައް ކުރަން ވާހަކަދައްކަމުން ދިޔައެވެ. ސާރާ ނޯޓްފޮތުގައި ލިޔުނީ ކައިވެނީގެ ހެދުން ގަންނަން ދިޔުމުން މަޖާވާނެކަމުގައެވެ. ނޯރާ އައިޒަކްއާއި އޭނަގެ ކައިވެނީގެ މަތިން އެއްވެސް ވަރަކަށް ހަނދާނެއް ނެތުމުން ކާކުގެ ކައިވެނީގެ ހެދުމެއް ހެއްޔޭ އަހައިލިއެވެ. އާވާއަށް އެކަން މަޖާކަމަކަށްވިއެވެ. އެކަމަކު ނޯރާފަދަ އަގުހުރި މަސައްކަތްތެރި އަންހެންކުއްޖަކު އައިޒަކްފަދަ ހަރުދަނާކަމެއްނެތް ޒވާނަކާއި ކައިވެނީގެ ގޮތުން ގުޅެން އާވާގެ ހިތްވެސް ނުރުހެއެވެ. އަޖައިބުވަނީ ނޯރާއާއި އައިޒަކްގެ ކައިވެންޏަށް އެންމެ ފޯރި އަރާފައި ހުންނަނީ ސާރާކަމުގައިވާތީއެވެ.

"އަހަންނަކަށް ނޫން ސާރާ. އަހަރެން ކައިވެނީގެ ހެދުމެއް ބޭނުމެއްނޫން." ނޯރާ އާވާއަށް ނަޒަރު ހުއްޓައިލިއެވެ."އަހަރެމެން މާދަން އާވާއަށް ހެދުމެއް ގަންނަން ދާނީ...."

"ނޯ ވޭ...." އާވާ ވަގުތުން އިންކާރުކުރިއެވެ. އެކަމަކު ސާރާ ޖޯޝާއެކު އާވާގެ އަތުގައި ހިފައިލަމުން މަރުހަބާކިއެވެ. ސާރާއަށް އެކަން ކުރިއަކުން އެގިފައި ނެތެވެ. އޭނަ އާވާއަށްޓަކާ އުފާކުރިއެވެ.

"އާވާ. ދެކެބަލަ ސާރާ އުފާވެފައި ހުރިވަރު. ސާރާ ދެރަކޮށްލައިގެން ނުވާނެ އަހަރެންވެސް މާދަން ފްރީވާނެ. އަހަރެމެން ތިން ކުދިންގެ ގާލްސް ޑޭ އައުޓަކަށް ހަދާނީ..." ނޯރާ ހިނިތުންވެލަމުން ބުނެލުމުން އެންމެންވެސް ނިންމީ މާދަން ބާޒާރުކުރަން ދިޔުމަށެވެ.

ރޭގަނޑުގެ ސަލާމަށްފަހު އެންމެންވެސް ކޮޓަރިތަކަށް ނިދީގެ އަރާމު ހޯދަން ދިޔުމުންވެސް އިރުގަނޑެއްވާންދެން ނޯރާ އެތާ މަޑުކޮށްލިއެވެ. އަމިއްލަ ކޮޓަރިއަށްވުރެ ނަމާދު ގެއިން ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ. އޭނަ މިރޭ މާ ބޮޑަށް ބައްޕަ މަތިން ހަނދާންކުރިއެވެ. ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ބަޔަކާއެކު ދިރިއުޅެން ޖެހުމުން އެކަނިވާ ވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. އޭނަ ބައްޕަ މަތިން ހަނދާންކުރި އަދަދެއްވެސް ނޭގެއެވެ. ބައްޕަގެ ގެއްލުމުގެ އިލްޒާމު އޭނަ އަޅުވަނީ އަމިއްލަ ބޮލުގައެވެ. ބަޑުހައިވާކަމުގެ ޝަކުވާ ނުކުރިނަމަ ކާނާ ހޯދުމަށް ބައްޕަ ގެ ދޫކޮށްފައި ނުދިޔައީހެވެ. އޭނަ ބައްޕައަށް ހެޔޮ ދުޢާކުރިއެވެ. ބައްޕަ ސަލާމަތުން ސިއްހަތު ރަގަޅުކޮށް ހުރެ އަނބުރާ އައުމަށެވެ. އަމިއްލައަށް ގެ ދޫކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހެޔޮ ހާލުގައި ލެހެއްޓެވުމަށް އެދުނެވެ. އަދި އެހެން ކަމަކުންވެސް ނޯރާގެ ހިތަށް ބަރުވިއެވެ. އެކަމަކު އެކަން ހައްލުކުރާނެ ވަރެއް މިރެއަކު ނެތެވެ. އޭނަ މާ ބޮޑަށް ވަރުބަލިވެއްޖެއެވެ.އަދި އެއީ ބޭކާރުކަމެކެވެ. ވީއިރު އޭނަ ހަމައެކަނި ލޯބިވީ އިންސާނާ އޭނަގެ އެންމެ ގާތް އެކުވެރިޔަކާއި ކައިވެނި ކުރަން ނިންމީހެއްޔެވެ؟ އޭގެ މާނައަކީ ނޯރާއަށް އޭނަ އާއެކު އުޅެވެން ނެތީއެވެ. އެކަމާއިމެދު ބުނާނެ އިތުރު އެއްޗެއް ނެތެވެ. ފަހަރެއްގައި އޭނަގެ ހިތް އަދިވެސް ގަބޫލުނުކުރަނީއެވެ. އޭނަގެ ހިތުގައި އެހާ ބޮޑަށް ނުރިއްސައެވެ. އޭނަ އުއްމީދުކުރިވަރަށް އޭނަ ހިތާމައެއް ނުކުރިއެވެ. އަދި އޭނަ އެކަމާ ހީނވެސް ހެދިއެވެ. އޭނަ ހަމަ ރަގަޅެވެ. އޭނަ ހުންނާނީ ރަގަޅަށެވެ. ނޯރާ އަމިއްލައަށް ހިތްހަމަޖައްސައިދޭން މަސައްކަތްކުރުމަށްފަހު ކޮޓަރިއަށް ދާން ނުކުތެވެ.

***

ފިނި މޫސުމްގެ އިރު އަރަމުން އައީ ސްނޯއިން ފޮރުވިފައިވާ ގަސްތައް ހޫނު އޮރެންޖު އައްޔަކުން ފެންވަރުވައިލަމުންނެވެ. ދުނިޔެ ވިދާއިރު ހުދު ސްނޯގެ ސާފުކަމާއެކު އެ ރީތިކަން ވަކިން ފައުޅުކޮށްދެއެވެ.

ގުރުއާނުގެ ޔޫސުފް ސޫރަތުގެ ސަތޭކަ ފަސްވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ"އުޑުތަކާއި، ބިމުގައިވާ ހެކިތަކުގެ ތެރެއިން އެއުރެންނަށް ފެނި، ކުރިމަތިވާ، އަދި އެހެކިތަކުން އެއުރެން އެއްކިބާވެ އެއާމެދު ފިކުރުނުކުރާ ކިތައް ކިތައް ހެކިވޭހެއްޔެވެ؟"

ކައިލް އޭނަގެ ގަނޑުވަރުގެ ފެންޑާގައި އިށީދެލައިގެން އިނީ އާވި އަރާ ހޫނު ކޮފީތަށްޓެއް ލަސްލަހުން ބޯށެވެ. އޭނަ ވިސްނީ އޭނައަށް ދެއްވާފައިވާ ނިއުމަތްތަކާއިމެދުގައެވެ. އޭނަގެ ދިރިއުޅުމުގައި ހިނގި ކަންތައްތަކާއެކު މިހާރު އޭނައަށް އާދެވިފައި މިހިރަ ފަތްތަރެވެ. އޭނައަށް މިހިސާބަށް ސަލާމަތުން އާދެވުނުކަމީވެސް ކަރާމާތެކެވެ. ބައެއްފަހަރު އެކަން ދޭހަވުމުގައިވެސް އުދަގޫވެއެވެ. އޭނަގެ ހިތުގެ ހާލު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއެވެ. އޭނަ އަތުގައި ހުރިހާ ފައިސާ އެބަހުއްޓެވެ. ބޭނުން ކޮންމެ އެއްޗެއް ގަނެވިދާނެއެވެ. އެކަމަކު މުއްސަދިކަމަކީ އުފަލެއް ނޫނެވެ. އުފަލަކީ ފައިސާ ދީފައި ގަނެވޭނެ އެއްޗެއް ނޫނެވެ. އޭނަ މިހިރަ ލެވެލްއާއި ހަމަޔަށް ކުރި ދަތުރުވެސް ވަކި އުފާވެރިއެއް ނުނެވެ. އޭނައާއި ދިމާވި ކޮންމެ މީހަކު އޭނައަކީ ކާމިޔާބު މީހެއްކަމުގައި ބުނެ އުޅެއެވެ. އެހާ ޒުވާން އުމުރުގައެވެ. އަދި އޭނައަކީ އެމީހުންގެ "ރޯލް މޮޑެލް"ކަމުގައި ދެކެއެވެ. މިހުރިހާ އެންމެން މަސައްކަތްކުރަނީ ކާމިޔާބަށެވެ.ކާމިޔާބަކީ ކޮބާހެއްޔެވެ؟ އެއްވެސް މީހަކު ހިތްއެދޭވަރަށް ކާމިޔާބު މީހަކަށް ނުވާނެއެވެ.ސަބަބަކީ އުފާވެރިވެ ހިތްހަމަޖެހޭ ވަރަކަށް ކާމިޔާބު ހާސިލު ކުރެވުމުން އިތުރަށް ބޭނުންވާނެއެެވެ. ނޫނީ ހިތާމަ އެހުރިހާ އުފަލެއް ދޮވެލަފާނެއެވެ. އަނެއްކާ އިހުސާސްކުރެވޭނީ ހިތްދަތިކަމެވެ. މަޝްހޫރުކަމާއި މުއްސަދިކަމަށް އެކަނި ފޯކަސްކުރުމުން ދިމާވާނީ އެކަހަލަގޮތެކެވެ. އީމާންނުވާމީހުން އާއްމުކޮށް މާޔޫސްވެ ގޮތް ހުސްވަނީމިބުނާފަދަ ގޮތަކަށް އެންމެ ތިރިއަށް ވެއްޓިދާ ވަގުތުގައެވެ. ﷲ ގުރުއާނުގައި ވަަހީ ކުރައްވާފައިވަނީ" ފަހެ ހަމަ ކަށަވަރުން އުދަގޫކަމާއެކު ފަސޭހަކަން ވެއެވެ. އަދި އާލް އިމްރާނު ސޫރަތުގެ ސަތޭކަ ތިރީސް ނުވަ ވަނަ އާޔަތުގައިވެސް ވަހީ ކުރައްވާފައިވަނީ" ތިޔަބައިމީހުން ފިނޑިވެ ނިކަމެތި ނުވާށެވެ. އަދި ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ. މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އެއީ ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ."

ގުރުއާނުންވެސް ސާފުކޮށް އެކަން އެއޮތީ އެނގޭށެވެ. ހިތާމައަކީ ގުދުރަތީގޮތުން ލައްވާފައިވާ ޖަޒުބާތެކެވެ. އެކަމަކު ނާކާމިޔާބާއި ނާއުއްމީދަށްފަހުވެސް އެމީހަކަށް އަލުން ދިރިއުޅުމެއް ހޯދިދާނެއެވެ.

ގުރުއާނަކީ ހިތްތަކަށް ޝިފާއެކޭ ހަމައެކަނި ބުނެވެނީއެއް ނޫނެވެ. އެއީ ހަގީގަތެކެވެ.

ކައިލްވެސް މަގު ގެއްލުނުނަމަ ހަޔާތުގައި މިހާ ދުރަށް ނާދެވުނީހެވެ. ﷲ ސުބުހާނަހޫ ވަތައާލާ އޭނައާއި އިސްހާގު ބައްދަލުކުރެއްވުމަށް އިރާދަކުރެއްވިއެވެ. އޭނަވީ ކައިލްއަށް ކުޑައިރު ނުލިބުނު ބައްޕަކަމުގައެވެ. އަދި އިސްހާގު ކިތަންމެ ގޮތްގޮތުން އޭނައަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މުޅި އުމުރު ކައިލް އެ އިހުސާންތެރިކަން ގަބޫލުކޮށް ޝުކުރުވެރިވާވަރަށްވެސް މެއެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާ އޭނައަށް ދެއްވެވީ އަޅުވެރި މާމައެކެވެ.

އޭނަގެ ޚިޔާލުތައް ވިއްސިވިހާލިކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ބިންޔާމީން ފޯނުނެގި އަޑުއިވުނެވެ. ދެންއިވުނީ ބިންޔާމީންގެ ފިޔަވަޅުތައް ކައިރިވަމުން އަންނަ އަޑެވެ. ކައިލް ކުޑަކޮށް އެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކުޑަ ސާހަބް. ނާޔަލް މަހުމޫދު ކިޔާ މީހަކު ވަރަށް އާޖެންޓްކޮށް ވާހަކަ ދައްކަން ބޭނުމޯ..."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު