ރޮނަލްޑޯގެ 801 ވަނަ ކެރިއާ ގޯލާއެކު މެންޔޫއިން އާސެނަލް ބަލިކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯ

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ 801 ވަނަ ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑުން އާސެނަލް ބަލިކޮށްފިއެވެ.

އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗު މެންޗެސްޓާ އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓާގެ މޮޅާއެކު އެ ޓީމު ވަނީ ޕްރެމިއާ ލީގު ތާވަލުގެ ހަތް ވަނަ އަށް ޖެހިލާފައެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާ ރީތި ގޯލްތަކެއް ޖަހާފައިވެއެވެ.

ރޭގެ މެޗުގައި 13 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ އާސެނަލް އިންނެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ އުމުރުން 21 އަހަރުގެ ސްމިތު ރޯވްއެވެ.

މެންޔޫގެ ކީޕަރު ޑެހެއާގެ ފަޔަށް އަނިޔާވެފައިވަނިކޮށް ކުޅުންތެރިންތަކުގެ ތެރެއިން ބާރު ސްޕީޑުގައި ސުމިތު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ސުމިތަކީ މިލީގުގައި އާސެނަލަށް ގޯލު ކާމިޔާބު ކޮށްދިން އެންމެ ޒުވާން ދެވަނަ ކުޅުންތެރިޔާއެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެދު ތެރޭގައި ބޯޅަ ހިފެެހެއްޓުމުގެ ބަދަލުގައި ދެ ޓީމުން ވެސް ދިޔައީ ލިބޭ ބޯޅަތަކުގައި އެޓޭކްކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މެންޔޫގެ ފޯވާޑް ފްރެޑް ޕެނަލްޓީ އޭރިއާ ތެރެއިން ދިން ޕާހަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.

ފެނާންޑޭސް ރޭ ކުޅެފައިވަނީ މެންޔޫގައި އޭނާ ކުޅުނު 100 ވަނަ މެޗެވެ. އަދި ރޭގެ ގޯލު އޭނާ ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށެވެ.

ބްރޫނާ ފެނާންޑޭސް ގޯލު ކާމިޔާބު ކުރުމަށް ފަހު

ހަމައެހެންމެ، ފުރަތަމަ ހާފުގައި ރޮނާލްޑޯއަށް މެޗުގައި ލީޑު ފުޅާ ކުރުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް ރޮނާލްޑޯގެ އޯވާހެޑް އަމާޒުވީ ބޭރަށެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމި ދެވަނަ ހާފު ފެށުނު އިރު އާސެނަލް އިން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. މެޗުގެ 51 ވަނަ މިނެޓުގައި ރަޝްފޯޑް ވަރަށް ހަމަޖެހިލައިފައި ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އަށް ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ގޯލު ކާމިޔާބު ކޮށްދިނެވެ.

މި ގޯލާއެކު ރޮނާލްޑޯ ވަނީ ޖުމުލަ 800 ގޯލު ފުޓުބޯޅައިގެ ކެރިއާގައި ކާމިޔާބުކޮށް ދުނިޔޭގެ ރެކޯޑް ދަމަހައްޓާފައެވެ.

ރޮނާލްޑޯގެ ގޯލު ޖެހިތާ ތިން މިނެޓު ފަހުން އާސެނައިލްއިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. އާސެނަލް އަށް ގޯލު ޖަހައިދިނީ އެމެޗުގައި މޮޅު ކުޅުމެއް ދެއްކި މާޓިނޭލީ ދިން މޮޅު ޕާހަކުން އޮޑެގާޑު އެވެ.

މެޗު ނިމެން 25 މިނެޓަށް ވެފައި ވަނިކޮށް އޮޑެގާޑް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މެންޔޫއަށް ޕެނަލްޓީ އެއް ދީފައެވެ. އަދި ރޮނާލްޑޯ އެ ޕެނަލްޓީ ފޮނުވާލީ ގޯލުގެ މެދަށެވެ.

އެ ގޯލާއެކު ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ކެރިއާގައި 801 ގޯލު ކާމިޔާބުކޮށްފައެވެ. ދުނިޔޭގެ އެއްވެސް ކުޅުންތެރިއަކަށް އަދި މިހާތަނަށް 800 އަށް ވުރެ ގިނަ ގޯލް ޖެހިފައެއް ނެތެވެ.

އާސެނަލް މި މެޗުން ބަލިވި ނަމަވެސް ތާވަލުގައި އާސެނަލް އޮތީ މެންޔޫ އަށް ވުރެ ކުރީގައެވެ. ޕްރިމިއާ ލީގުގެ އިތުރު މެޗުތައް އަދި ކުޅުމަށް ހަމަޖެހިފައިވާއިރު ތާވަލުގެ އެއްވަނަ އަށް އެރުމަށް އާސެނަލް އަށް ފަސޭހަ ވާނެއެވެ.

ޕްރެމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ ޗެލްސީ 33 ޕޮއިންޓާއެކުއެވެ.

ހަމައެހެންމެ، މެންޗެސްޓާ ސިޓީ އޮތީ ޗެލްސީއާ އެންމެ ޕޮއިންޓެއްގެ ތަފާތަކުން ތާވަލުގެ ދެވަނައިގައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެމެޗެއް ރޭ ކުޅެފައިވާއިރު، ރޭގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ޓޮޓެންހަމް އިންނެވެ.

comment ކޮމެންޓް