ކޯޓު މައްސަލަ ދިގުދެމި، ގޯތި ދޫކުރުން ލަސްވާތީ އޭދަފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ބ. އޭދަފުށި -- ފޮޓޯ/ އޭދަފުށި ޓައިމްސް (އީޓީ)

ކޯޓު މައްސަލައެއް ދިގުދެމުމާ ގުޅިގެން ބ. އޭދަފުށީގައި ގޯތި ދޫކުރުން ލަސްވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެރަށުން 158 ބަންޑާރަ ގޯތި ދޫކުރަން ސެޕްޓެމްބަރު 24، 2019، ގައި ކުރި އިއުލާނަށް 622 މީހުން ފޯމު ލާފައިވާ ކަމަށެވެ.

ކައުންސިލްގެ ތިންވަނަ ދައުރުގައި އެ ހުރިހާ ފޯމުތައް ދިރާސާކޮށް، ވަގުތީ ލިސްޓެއް ނެރެ، އެ ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް ވެސް ޖަވާބުދާރީ ވި ކަމަށެވެ.

އެގޮތުން ގޯއްޗަށް އެދުނު އެއް ފަރާތަކުން، އޭނާގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ، މި އަހަރުގެ އޭޕްރީލްގައި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ގޯތި ދޫކުރުމުގެ ކަންކަން ވަގުތީ ގޮތުން ހުއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ކައުންސިލްގެ ނޫސްބަޔާނުގައި ފާހަގަ ކުރިއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން 17 އޯގަސްޓް ގައި ކުރިއަށް ގެންދިޔަ ކަމަށާއި އެ އަޑުއެހުމުގައި އޭދަފުށީ ކައުންސިލުން ޖަވާބުދާރީ ވާން އެންގި ކަންތައްތަކަށް 26 އޯގަސްޓްގައި ލިޔުމުން ޖަވާބުދާރީ ވި ކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް އޭގެ ފަހުން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލު ނުކުރާކަން ކައުންސިލުން ފާހަގަ ކުރިއެވެ.

ކައުންސިލުން ބުނީ މި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާ ކޮންމެ ލަސްވުމަކީ އޭދަފުށިން ބޯހިޔާވަހި ކަމަށް އެދިއެދި ތިބި ރައްޔިތުންނާ އަދި ކައުންސިލުންވެސް ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް އަވަސް ހައްލެއް ލިބި، އެރަށުން ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ލިބިގެންދިއުމަށް އުންމީދު ކުރާކަމަށް އޭދަފުށީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް