ބަހެއް މާ ބާރަށް ދުއްވާނަމަ މިހާރު އެމްޓީސީސީއަށް ވަގުތުން އެނގޭނެ

ސިނަމާލެ ބްރިޖުން އެމްޓީސީސީގެ ބަހެއް ދަތުރުކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ބަސްތައް ދަތުރު ކުރަން ޖެހޭ ބާރުމިނަށް ވުރެ ބާރަށް ދުއްވާނަމަ، އެކަން ވަގުތުން އެނގޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާ ބެހޭގޮތުން ސަންގު ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސެއިން މޫސާ ވިދާޅުވީ، އެ އިންތިޒާމު ހަމަޖެއްސީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން ވަކި ސޮފްޓްވެއާއެއް ވާނީ އަޅާފަ، ކޮންމެ ބަހެއްގަވެސް އިންނާނީ ފޯނެއް. އެ ފޯނުން އަޅުގަނޑުމެންގެ ލޭންޑް ޓްރާންސްޕޯޓް ޑިވިޝަންގެ އޮޕަރޭޝަންސް އަށް، ބަހެއް ބާރަށް ދުއްވާކަމަށް ވެއްޖިއްޔާ ނޯޓިސް ކުރެވޭނެ ވަގުތުން ވަގުތަށް،" ޝާހިދު ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ހައިވޭގައާއި ބްރިޖުގައި ބާރު ސްޕީޑެއްގައި މީގެ ކުރިން ބައެއް ބަސް ދަތުރު ކުރި ނަމަވެސް، މިހާރު ގަޑިއަކު 50 ކިލޯމީޓަރަށްވުރެ ބާރަށް ދަތުރު ކުރާނަމަ އެކަން އެނގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ކޮން ބަހެއް ކަމާ، ކިތައް ސިކުންތު (ބާރަށް) ކަމާ، ނޫނީ ކިތައް މިނެޓްކަމާ ދަތުރުކުރީވެސް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަސް ވިިދާޅުވީ ބަސް ބާރަށް ދަތުރު ކުރާނަމަ އެކަމުގައި ހުރި ނުރައްކާތެރިކަން ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ޑްރައިވަރުންނަށާއި ބަހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ކިޔައިދޭ ކަމަށެވެ.

އެހެންކަމުން މިހާރު ބާރަށް ދުއްވާ ބަސް ވަރަށް މަދުވާނެ ކަމަށާއި މަގުމަތީގައި ދުއްވާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކަންތައްތައް ރަނގަޅު ކުރަމުން ދާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ހިދުމަތް ދިނުމަށް މިވަގުތު އެމްޓީސީސީގައި ހުރި ބަސްތަކުން ނުފުދޭކަން ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދޭތެރޭ 2000އާ ގާތްކުރާ އަދަދަކަށް މީހުން ދަތުރު ކުރާ ކަމަށާއި މާލެއާ ހުޅުމާލެއާ އެއާޕޯޓާ ދޭތެރޭ 10،000އާ ގާތަށް މީހުން ދަތުރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިތުރު ބަސް ގަތުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް