ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް އަޅަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ދެވަނަ ވަގުތީ މިސްކިތް އިމާރާތްކުރަން ހަވާލުކުރުން -- ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ވަނަ ވަގުތީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މިސްކިތް އެޅުމަށް ބީލަމަށް ހުޅުވާލީ އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

އެއްފަހަރާ 600 މީހުންނަށް ނަމާދުުކުރެވޭ ގޮތަށް އިމާރާތްކުރާ މި މިސްކިތް ނިންމަން ހަވާލުކުރީ 35 ދުވަހުގެ ތެރޭގައެވެ.

ފިރެހެނުންގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް މި މިސްކިތުން ހަމަޖެހިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ވަގުތީ މިސްކިތެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު 15 ވަނަ ދުވަހުއެވެ.

އެ މިސްކިތުގެ މަސައްކަތް ވެސް ހަވާލު ކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަށްޑިހަ ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި، 450 މީހުންގެ ޖާގައިގެ އެ މިސްކިތަށް 4.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދެވަނަ ފިޔަވަހީގައި ދާއިމީ ބޮޑު މިސްކިތެއް އަޅާނެކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ދާއިމީ މިސްކިތް އެޅުމުގެ ކުރިން، މިވަގުތު ގިނަ އަދަދެއްގެ މީހުން ދެވަނަ ފިޔަވަހީގައި އުޅެމުން ދިއުމާއެކު ވަގުތީ ދެ މިސްކިތް އަޅަނީ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިވަގުތު ދެވަނަ ފިޔަވަހީގައި ހުރި ހަމައެކަނި ދާއިމީ މިސްކިތް ކަމަށްވާ "މަސްޖިލު ޢަމީލް ޖަލީލް" އަމިއްލަ ފަރާތަކުން އިމާރާތް ކޮށްފައިވާ މިސްކިތެކެވެ.

ބޮޑުމިނުގައި 16400 އަކަފޫޓް ހުންނަ މި މިސްކިތުގައި 480 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް