އެމްޕީބީއޭގެ ތާރީހީ ބޮޑު ބިލިއާޑް މުބާރާތް ފަށައިފި

ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން — ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތް ފަށައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި އެމްޕީބީއޭގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު ބިލިއާޑް މުބާރާތް ފެށިގެންދިޔައީ އިއްޔެއެވެ. އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުލްސައްތާރެވެ.

އެ މުބާރާތް އިއްޔެ ފެށިގެންދިޔައީ ފުރަތަމަ ޑިވިޝަންގެ މެޗުތަކުންނެވެ. އެގޮތުން އިއްޔެ ފުރަތަމަ ޑިވިޝަންގެ 22 މެޗެއް ކުރިއަށްދިޔައެވެ. އެ މުބާރާތުގައި މިއަދު ފުރަތަމަ ޑިވިޝަންގެ އިތުރުން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަންގެ މެޗުތަކެއް ވެސް ކުރިއަށްދާނެއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް