މިއަދު ޕޮޒިޓިވްވީ 143 މީހުން، މާލެއިން 22 ކޭސް

ޖުލައި 15، 2021: މާލެ ސަރަހައްދުގައި ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުން އިތުރު 143 މީހަކު ކޮވިޑު-19އަށް ޕޮޒިޓިވްވެއްޖެއެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 4،383 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 22 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 117 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް ޕޮޒިޓިވް ވެފައިވަނީ ހަތަރު މީހުންނެވެ.

ކޮވިޑް ޖެހިގެން 13 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 91،893އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 89،913 އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،716ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 251ގައެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ދެކުނު އެފްރިކާއިން ފެނި ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް