ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހާއެކު، އިންސާފު ލިބޭނެ ކަމަށް އުންމީދުކުރަން: ގުޅިފައިވާ ޖަމިއްޔާތައް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީކުށުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު، އެ ކުށުގެ ޝިކާރައަށްވެފައިވާ މީހުންނަށް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ގުޅިފައިވާ ޖަމިއްޔާތަކުން ބުނެފިއެވެ.

ވިމެން އެންޑް ޑިމޮކްރެސީ، ހޯޕް ފޯ ވިމެން، އުތެމަ، ފެމިލީ ލީގަލް ކްލިނިކް، އީކުއަލިޓީ ނައު، ފެމް ހެލްތާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން ރައިޒް އަޕް އެމްވީން ވަނީ ރައްޔިތުންގެ މަޖިލީހުން މި ގާނޫނަށް ގެނައި އިސްލުތަކަށް މިއަދު މަރުހަބާ ކިޔައިފައެވެ.

ޖިންސީ ކުށްތަކަކީ ބޮޑު މައްސަލައެއް ކަން ފާހަގަކޮށް ގުޅިފައިވާ މި ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ކުށުގެ ގާނޫނެއް ވުޖޫދަށް އައީ 2014 ވަނަ އަހަރު ނަމަވެސް ގާނޫނުގައިވާ މާއްދާތަކުގައި ހުރި އެތަކެއް އުނި ކަންތައްތަކެއްގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމަށްވުރެ ނުލިބުން އޮތީ އެއިރު ގާތްކަމަކަށް ވެފައި ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނާއި މަދަނީ މުޖުތަމައުއން މި ކަންކަމާބެހޭ ގޮތުން އަޑުއުފުލާ ކެނޑިނޭޅި ކަންބޮޑުވުންތައް ފާޅުކޮށް އެކަންކަން ފާހަގަ ކުރަމުން އައި ކަމަށާއި މި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެވުޅުގެ ނަތީޖާއެއްގެ ގޮތުން އަދުގެ ޖިންސީ ކުށުގެ ގާނޫނަށް މުހިންމު އަދި ތަހުޒީބީ އިސްލާހުތަކެއް މަޖިލީހުން މިހާރު ގެނެސްފައިވާ ކަމަށެވެ.

"މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާކޮށް، މަޖިލިހުގެ އާންމުވޯޓަށް ހުށަހަޅައި މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައިވުމަކީ މި ޖަމްޢިއްޔާތަކުން މަރުހަބާކިޔާ ކަމެކެވެ." ޖަމިއްޔާތަކުން ބުނެފައިވެއެވެ.

ޖަމިއްޔާތަކުން ބުނީ ފާސްކުރެވިފައިވާ އިސްލާހުތަކުގެ ތެރޭގައި ހާއްސަ ގޮތެއްގައި ރޭޕްގެ ކުށާއި، ޖިންސީއަނިޔާ އަދި ޖިންސީ ގޯންގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެއް ކަމަށާއި މިފަދަ ކުށްތަކަކީ ނޭއްގާނީ އަދި ލާއިންސާނީ ބޮޑު ޖަރީމާތަކެއް ކަމަށެވެ.

"އަދި ކައިވެނީގެ ތެރޭގައި ކުރާ ރޭޕް އަކީ ހުރިހާ ހާލަތެއްގައިވެސް ރޭޕްކުމަށް ކަނޑައެޅި، މި އިސްލާހުތަކުގެ ތެރޭގައި ފާސްވެގެން ދިއުމަކީ ދެކުނުއޭޝިއާގައިވެސް މި ދާއިރާގެ ޤާނޫނުތައް ކުރިއަރާފައިވާ އެހެން ޤައުމުތަކާ ދިވެހިރާއްޖެ އެއްހަމަވެގެން ބަދު އައިސްފައިވާ ކަމުގެ ހެއްކެކެވެ." ޖަމިއްޔާތަކުން ބުނެފައިވެއެވެ.

ހަމައެހެންމެ ރޭޕްގެ ކުށް ތަހުގީގުކުރުމުގައި ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށް ގެނެވިފައިވާ އިސްލާހުތައް ފާހަގަކޮށް، މިއީ އިސްލާހުތަކަކީ އުންމީދީ އިސްލާހުތަކެއްގެ ގޮތުގައި ޖަމިއްޔާތަކުން ވަނީ ސިފަކޮށްފައެވެ. އަދި މި އިސްލާހުތަކާއެކު، އިންސާފު ލިބުމުގެ މަގުފަހިވެ، އުންމީދު އާ ވެގެން ގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖަމިއްޔާތަކުގެ ބަޔާނުގައި ވަނީ ގާނޫނުގައި މިހާރު އޮތް ކަންކަމާއި އިސްލާހު ކުރެވޭ ކަންކަން ވެސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމާބެހޭ
މުއައްސަސާތަކުން، ހާއްސަ ގޮތެއްގައި ތަހުގީގީ އިދާރާތަކުން، ތަންފީޒުކުރުން އުވަސްކުރުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް