އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް، ޝާ އަލޮމް މިއާ (ސާލިމް) އިއުތިރާފްވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މަހުމޫދުގެ މަރާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނީ މަހުމޫދުގެ ހަށިގަނޑުގެ ތިރީހަށްވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލަށް މައިގަނޑު ތިން ހަމަލާއެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަހުމޫދުގެ މަރާ ގުޅިގެން އޮކްޓޯބަރު 16ވަނަ ދުވަހު ހައްޔަރު ކުރި ސާލިމްއަކީ އެ ރަށު ނެދުންގޭގައި ދުވަސްވީ މީހެއް ބަލަން ހުންނަ މީހެކެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ސާލިމް ހައްޔަރު ކުރުމަށްފަހު ނެދުންގެ ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ބަލާ ފާސްކުރުމުގެ ތެރޭގައި މަހުމޫދުގެ ބައެއް ތަކެތި އަދި މަރާލި އިރު ސާލިމް ލައިގެން ހުރި ބައެއް އަންނައުނު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ސާލިމް ވަނީ އެތަކެތި ނެދުންގެއިން ފެނުނު ހިސާބުން އޭނާ ކުރި ކުށަށް އިއުތިރާފްވެފައި ކަމަށް ފުލުހުން ބުނެއެވެ އަދި ސާލިމް މިކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މަހުމޫދަކީ ދަނގެތީގައި ވިޔަފާރި ކުރާ މީހެކެވެ. އޭނާގެ އަމިއްލަ ރެސްޓޯރެންޓެއް އެ ރަށުގައި ހުރެއެވެ. އަދި އޭނާއަކީ ކާޑުގެ ބާވަތްތަކާއި ގޭސް ވެސް ވިއްކާ މީހެކެވެ. އެހެންކަމުން އަބަދުވެސް އޭނާގެ ވޮލެޓުގައި ގިނަ އަދަދަކަށް ފައިސާ ގެންގުޅެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު މަހުމޫދުގެ އަތުގައި އޮތްކަމަށް ބެލެވެނީ 500ގެ ވިހި ނޫޓު ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ 10،000 ރުފިޔާއެވެ.
މަހުމޫދުގެ މަރާ ގުޅިގެން ދަނގެތީ ރައްޔިތުން ފުރަތަމަ ތުހުމަތު ކުރީ އެ ރަށަށް ތޮއްޑޫން ގޮސްފައި ތިބި ދެ މީހަކަށެވެ. ފުލުހުން ބުނީ ސާލިމް ފިޔަވައި އެހެން އެއްވެސް މީހެއްގެ ބައިވެރިވުން މަހުމޫދުގައި އޮތްކަމަށް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން، އެ ގޮތަށް ބަޔަކަށް ތުހުމަތު ކުރުމަކީ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅި، ފޮރެންސިކް ހެކި ގެއްލި ފޯކަސް ގެއްލިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ ސަބަބުން ބަޔަކަށް ނުހައްގުން ޖިސްމާނީ އަނިޔާއަދި މުދަލަށް އަނިޔާވި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.