ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް އޭޑީބީން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް

ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމަންޓުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައިފި --- ފޮޓޯ / ފިނޭންސް މިނިސްޓްރީ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އިން ރާއްޖެއަށް ދޭ 2.05 މިލިއަން ޑޮލަރު (31.7 މިލިއަން ރުފިޔާ)ގެ ފަންނީ އެހީ ދޭން އެއްބަސްވެއްޖެއެވެ.

އެ އެހީގެ ތެރެއިން ފޯރުކޮށްދޭ ދެ މިލިއަން ޑޮލަރަކީ ޖަޕާނުގެ ފަންޑު ފޯ ޕޮވާޓީ ރިޑަކްޝަންގެ ފަރާތުން ރާއްޖެއަށް ދީފައިވާ ހިލޭ އެހީއެވެ.

އެ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި ދެން ސޮއި ކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމަންޓުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ / ފިނޭންސް މިނިސްޓްރީ

އެ އެހީގެ ސަބަބުން، ގައިންގަޔަށް އަރާ ބަލިތައް ފެތުރުމާއި ބަލިމަޑުކަމާ ގުޅިގެން އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު އޭޑީބީ އިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން ފަސް އަހަރަށް އައު ކޮށްފައެވެ. އެގޮތުން އޭޑީބީގެ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީ (ސީޕީއެސް) އާއެކު ރާއްޖެއަށް 2024 އާ ޖެހެންދެން އެހީ ފޯރުކޮށްދެމުންދާނެއެވެ.

comment ކޮމެންޓް