ކޮވިޑް ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 12،000އަށް

އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެމްއޭސީއެލް އިން ޖިންގި ޕްރޮގްރާމްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 12،000 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިހާތަނަށް 12،193 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިވަގުތު ބޫސްޓާ ޑޯޒް ޖަހައިދެނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށީގައި މެންދުރު 1:00ން 3:00ށް ބޫސްޓާ ޑޯޒް ޖަހައިދޭއިރު އައިޖީއެމްއެޗުން ބޫސްޓާ ޑޯޒް ޖަހައިދޭނީ ހެނދުނު 10:00ން މެންދުރު 2:00 އަށެވެ.

މިވަގުތު ބޫސްޓާ ޑޯޒް ޖެހޭނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއި 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރެއިން ބޫސްޓާ ޖެހޭނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބައެއް ބޭސްތައް ބޭނުންކުރާ މީހުންނަށެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއް ނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުންނަށްވެސް ބޫސްޓާ ޖެހޭނެއެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ވެސް ބޫސްޓާ ޑޯޒް ޖެހޭނެއެވެ.

ހަމައެއާއެކު ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން އޮކްސިޖަން ތެރަޕީގެ ފަރުވާ ދޭން ޖެހޭ މީހުންނާއި ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް، އިންޓަސްޓިޝިއަލް ލަންގް ޑިޒީސް ފަދަ ފުއްޕާމޭގެ ބައްޔަށް ފަރުވާ ކުރާ މީހުންނަށްވެސް ބޫސްޓާ ޖެހޭނެއެވެ.

ބޫސްޓާ ޑޯޒް ޖެހެނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވީ ނަމަވެސް، ސިނޮފާމް އާއި އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނަށް ބައެއް ސެންޓަރުތަކަށް ގޮސްގެން ވެކްސިން ޖެހެއެވެ.

މިވަގުތު ސިނޮފާމް ވެކްސިން ޖަހައިދެނީ ހަމައެކަނި ސެނެހިޔާއިން، ކޮންމެ ދުވަހެއްގެ ހެނދުނު 8:30ން 9:30 އަށެވެ.

އެސްޓްރަޒެނެކާ ވެކްސިން ފަސް ތަނަކުން ޖެހޭނެއެވެ. އެއީ ދަމަނަވެއްޓާއި ސެނެހިޔާ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލެވެ.

ދަމަނަވެށިން ވެކްސިން ޖަހައިދެނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން، މެންދުރު 1:00ން 3:00އަށެވެ.

ސެނެހިޔާއިންވެސް ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ހެނދުނު 10:00ން 12:30ށް އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭއިރު ވިލިމާލޭ ހޮސްޕިޓަލުން ކޮންމެ އަންގާރަ ދުވަހެއްގެ ހެނދުނު 9:00ން 1:00ށް އެސްޓްރަޒެނެކާ ޖަހައިދޭނީ ހޮސްޕިޓަލުން ދޫކުރާ އެޕޮއިންޓްމަންޓަށެވެ.

އައިޖީއެމްއެޗުން ކޮންމެ ހޮނިހިރު، އާދީއްތަ އަދި ހޯމަ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 2:00ށް އެޕޮއިންޓްމަންޓް އުސޫލުން އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް އުސޫލުން އަދި ހޮސްޕިޓަލަށް ގޮސްގެން އެސްޓްރަޒެނެކާ ވެކްސިން ޖެހޭނީ ހެނދުނު 9:30ން 10:30އަށެވެ.

މިހާތަނަށް ރާއްޖޭގައި 395،781 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ 364،082 މީހުންނެވެ.

comment ކޮމެންޓް