ޗައިނާއަށްފަހު އިންޑިއާވެސް އެފްރިކާގެ ގައުމުތަކަށް އިތުުރު ވެކްސިން ހަދިޔާ ކުރަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ

ނިއުދިއްލީ (ޑިސެންބަރު 2) : ކޮވިޑް-19 ގެ އައު ވޭރިއެންޓް އޮމިކްރޯން ފެތުރެމުންދާ މިދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކަށް ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ކޮވިޝީލްޑް ގެ އެތަށް މިލިޔަން ޑޯޒު ހަދިޔާކުރާނެކަން އިންޑިއާއިން އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނީ އިންޑިއާއިން އެފްރިކާގެ 41 ގައުމަކަށް ކޮވިޝީލްޑްގެ 25 މިލިޔަން ޑޯޒު މިހާތަނަށް ހަދިޔާކޮށްފައިވާނެ ކަމަށާ ނަމަވެސް އޮމިކްރޯން ފެތުރެމުންދާ މިދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކަށް އިތުރުވެކްސިން ބޭނުންވާނެކަމަށް ފެންނާތީ ވެކްސިންގެ ކަވަރެޖް ބެލުމަށްފަހު ކޮވިޝީލްޑް ގެ އެތަށް މިލިޔަން ޑޯޒެއް އެފްރިކާގެ ގައުމުތަކަށް ހަދިޔާކުރަން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް ހަދިޔާކުރާނެ ވެކްސިންގެ ޑޯޒުތަކުގެ އަދަދެއް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމައެއް ނުކުރެއެވެ.

އިންޑިއާއިން އެފްރިކާގެ ގައުމުތަކަށް ވެކްސިންގެ އިތުރު ޑޯޒުތައް ހަދިޔާކުރާނެކަން އިއުލާންކޮށްފައި މިވަނީ ޗައިނާއިން އެފްރިކާގެ ޤައުމުތަކަށް ކޮވިޑް-19 ގެ އެއްބިލިޔަން ޑޯޒް ހަދިޔާކުރާނެކަން މީގެ ދެދުވަސްކުރިން އިޢުލާން ކޮށްފައިވަނިކޮށެވެ.

ވާދަވެރި ދެގައުމު ކަމަށްވާ އިންޑިއާއާއި ޗައިނާއަކީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފަގީރުގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމް ކަމަށްވާ "ކޮވެކްސް" ޕްރޮގްރާމަށްވެސް ވެކްސިން ހަދިޔާކުރާ ދެގައުމެވެ. ޗައިނާވަނީ މިއަހަރުގެ ކުރީކޮޅުވެސް އެފްރިކާގެ އެތަށް ގައުމުތަކަށް އެތަށް މިލިޔަން ޑޯޒުގެ ވެކްސިން ހަދިޔާކޮށްފައެވެ.

މިދެގައުމުގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ރަޝިއާއިންވެސް "ކޮވެކްސް" ޕްރޮގްރާމަށްވެސް ވެކްސިން ހަދިޔާކުރެއެވެ. ވެކްސިން އުފައްދާ މިންވަރަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމަކީ އިންޑިއާއެވެ. އިންޑިއާއިން އެގައުމުގެ އަމިއްލަ ވެކްސިން އަކާ އަދި އަންޑާ ލައިސަންސް ގެ ދަށުން އުފައްދާ ވެކްސިން އެއްކަމަށްވާ ކޮވިޝީލްޑް އުފައްދައެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ސްވިޑްންގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ އެސްޓްރާ ޒެނިކާ ވެކްސިން، ގެ އިންޑިއާ ވާޝަން އަށް ކިޔަނީ ކޮވިޝީލްޑް އެވެ. ހަމައެކަނި ކޮވިޝީލްޑް އަށް ބެލިކަމުގައި ވިޔަސް އިންޑިއާއިން މަހެއްގެ މައްޗަށް ކޮވިޝިލްޑް ވެކްސިންގެ 300 މިލިޔަން ޑޯޒް އުފައްދައެވެ.

އިންޑިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހިންގާ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށްވަނީ އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް ވެކްސިންގެ ދެޑޯޒު ދީފައެވެ.

comment ކޮމެންޓް