ވިކީއާއި ކެޓްރީނާގެ ކައިވެނި މިމަހު 9 ގައި! އިންތިޒާރަށް ނިމުމެއް!

ވިކީއާއި ކެޓްރީނާ

އެންމެންގެ ކަޅި ވިކީއާއި ކެޓްރީނާގެ ކައިވެންޏަށް އަމާޒުވެފައިވާއިރު މިމަހުގެ ނުވަ ވަނަ ދުވަހު ދެ މީހުންގެ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިކީއާއި ކެޓްރީނާގެ ފޭނުންގެ އިންތިޒާރަށް ނިމުން އަންނަން ގިނަ ވަގުތުތަކެއް ދެން ނެތެވެ.

ތިން ދުވަހަށް ދެމިގެންދާ ކައިވެނި ހަފުލާ ގެ ތައްޔާރީތައް ނިމުމަކާ ގާތްވެފައިވާއިރު ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ ސަވާއީ މަދުޕޫރް ސިޓީއާ 35 ކިލޯމީޓަރު ދުރުގައިވާ ސިކްސް ސެންސަސް ފޯޓް ބަރްވަރާގައެވެ.

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ވިކީ ކައުޝަލާއި ކެޓްރީނާ ކައިފް އެމީހުންގެ ކައިވެނީގެ ހަފުލާގެ މަންޒިލަކަށް ރާޖެސްތާން ހަމަޖެހިފައިވާއިރު މި ކައިވެންޏަކީ މި އަހަރު ބޮލީވުޑްގައި ކުރެވޭ އެންމެ ކުލަގަދަ ކައިވެންޏަށް ވެގެން ދާނެ ކަމާމެދު ޝައްކެއްނެތެވެ.

އިންޑިއާގެ ޚަބަރުތައް ރިޕޯޓުކުރާ ގޮތުން ޑިސެންބަރު 7 ން ފެށިގެން ކައިވެނީގެ ހަރަކާތްތައް ފެށިގެންދާއިރު ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 9 ވަނަ ދުވަހުއެވެ. އަދި ކައިވެނީގެ ހަފުލާއާއި ހަރަކާތްތައް ޑިސެންބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ހަފުލާ ބެލެހެއްޓުމަށާއި ރައްކާތެރިކަމަށްޓަކައި ޖައިޕޫރުގެ ސަތޭކަ މީހުން ސެކިއުރިޓީ ބެލެހެއްޓުމަށާއި ހަފުލާ ބާއްވާ ތަނުގެ ބޭރު ދޮރޯށި ކައިރީ ޖައިޕޫރުގެ ފުލުހުން ހަރަކާތްތެރިވާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޑިސެންބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ކައިވެނީގެ ސަރަހައްދަށް މެހުމާނުން އައުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ވިކީއާއި ކެޓްރީނާ ކައިވެނީގެ ސަރަހައްދަށް ދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު ހަ ވަނަ ދުވަހުއެވެ. އަދި ދެ ފަރާތުގެ އާއިލާއި ރައްޓެހިން ކައިވެނިކުރެވޭ ސިކްސް ސެންސަސް ފޯޓު ބަރްވަރާގައި ތިބުމަށް ހަމަޖެހިފައިވާއިރު ހަފުލާއަށް ދައުވަތު ދެވުނު ބޮލީވުޑުގެ ތަރިން ތިބޭނީ ސަވާއީ މަދުޕޫރުގެ ފަސްތަރީގެ ހޮޓެލެއްގައެވެ. މި ހޮޓެލްގެ 45 ކޮޓަރިއާއި ހަތަރު އެޕާޓްމެންޓް ބުކް ކޮށްފައިވާއިރު އެޕާޓްމެންޓްގެ އަގަކީ ރެއެއްގެ މައްޗަށް 7 ލައްކަ އިންޑިއަން ރުޕީސްއެވެ.

ކައިވެނި ހަފުލާގެ ރައްކާތެރިކަމަށްޓަކައި ދެފަރާތުގެ އާއިލާއިން މަސައްކަތްކުރަމުން ދާއިރު ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޮންމެ މެހުމާނަކަށް ހާއްސަ ކޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަފުލާގެ ތެރޭގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކޮށްފައިވާއިރު ކައިވެނީގެ ތެރޭގައި ހިނގާ އެއްވެސް ކަމެއް މީސްމީޑިއާގައި ދައުރު ނުވާނެ ކަމަށް އިންޑިއާގެ ޚަބަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު