ޕީއެސްޖީގެ ސަޕޯޓަރުންނަށް މެސީގެ ބެލަންޑޯ ދައްކާލި މެޗު އެއްވަރު

މެސީއާއި ޑޮނަރުއްމާ އަށް ލިބުނު އެވޯޑްތައް ޕީއެސްޖީގެ ސަޕޯޓަރުންނަށް ދައްކާލަނީ --- ފޮޓޯ//ޕީއެސްޖީ

މިއަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮވުމާއެކު ލިއޮނެލް މެސީއަށް ދިން ބެލަންޑޯ އެވޯޑް ސަޕޯޓަރުންނަށް ދައްކާލި މެޗުގައި ޕީއެސްޖީ އެެއްވަރުވެއްޖެއެވެ.

ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ނީސް އަތުން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޕީއެސްޖީން ލީގުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނެގި އިރު، އެ ޓީމުން މިހާތަނަށް ކުޅުނު 16 މެޗުން ވަނީ 41 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް މާސޭއަށް 15 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރެނެސް އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.

މިދިޔަ ހޯމަ ދުވަހު ފްރާންސްގެ ޕެރިހުގައި އޮތް ބެލަންޑޯ އެވޯޑް ހަފުލާގައި މެސީ ވަނީ ހަތްވަނަ ފަހަރަށް އެ އެވޯޑް ހޯދައި، އޭނާއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެން ދެ ބެލަންޑޯ ކުރިއަށް ޖައްސާލައިފައެވެ. މިފަހަރުގެ އެވޯޑް މެސީ ހޯދީ ބަޔާން މިއުނިކުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއާ ވާދަކޮށެވެ.

މެސީއާ އެކު ޕީއެސްޖީގެ ގޯލް ކީޕަރު، ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ އެ ހަފުލާފައި އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދައިފައެވެ. ރޭގެ މެޗުގެ ކުރިން މެސީ އޭނަގެ ބެލަންޑޯ ޕީއެސްޖީގެ ސަޕޯޓަރުންނަށް ދައްކާލި އިރު، ޑޮނަރޫމާ ވެސް ވަނީ އޭނާއަށް ލިބުނު ޔާޝިން ޓްރޮފީ ވެސް ދައްކާލައިފައެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޖުމުލަކޮށް އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ހާއްސަކޮށް މެޗުގައި ކިލިއަން އެމްބާއްޕޭއަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު، އޭގެ ބޭނުން ފުރިހަމައަށް ކުރެވޭ ގޮތެއް ނުވިއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ފޯވާޑް ނޭމާ ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އޭނާ އެނބުރި ކުޅުމާ ބައިވެރިވާން އިތުރު ހަ ހަފުތާ ވަރު ނަގާނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.

comment ކޮމެންޓް