އުންސުރު ހަމަނުވާތީ 18 ކިލޯ ކޮކެއިން މައްސަލައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ބްރެޒިލްއިން އައި ދެ މީހުންގެ ތެރެއިން އެކެއްގެ ލަގެޖުން ފެނުނު ކޮކެއިން ބަންދުކޮށްފައި ---- ފޮޓޯ: ކަސްޓަމަސް

ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، އަތުލައިގަތް ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައިވަނީ އުންސުރު ހަމަނުވާތީއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބްރެޒިލަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ. އެއީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާ އަދި 37 އަހަރުގެ ނައިރު ނުނެސް ޑިސްސޫޒާ އެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް, ގެންގުޅެ, ވިޔަފާރިކުރަން އުޅުނު ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ, 37 އަހަރުގެ ނައިރު ނުނެސް ޑިސްސޫޒާ އެވެ.

އެކުގައި ރާއްޖެއައި ދެ މީހުންގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ ކްރިސްޓިއާނޯގެ ލަގެޖެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި އޭނާގެ ނަން ޖަހާފައިވާ ޓެގްކޮޅެއް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލަގެޖު ބަލައި ފާސްކޮށްފައިވަނީ ވެސް ހަމައެކަނި ކްރިސްޓިއާނޯގެ ހާޒިރުގައެވެ.

ފުލުހުން ތުހުމަތުކުރަނީ, އެ ލަގެޖުގައި ކޮކެއިން ހުރީ ނައިރު ނުނެސްގެ ރުހުމާއި އޭނާއަށް ވެސް އެކަން އެނގިގެން ކަމަށެވެ.

އެކަމަށް ތުހުމަތުކުރަނީ ދެ މީހުން އެކުގައި ދަތުރުކޮށް އެއް ލަގެޖަކަށް ދެ މީހުންގެ އަންނައުނު އަޅައިފައި ހުރުމުގެ އިތުރުން ފެނުނު މަސްތުވާތަކެއްޗާއި ކްރިސްޓިއާނޯ ހަވާލުނުވުމުންނެވެ. ކުރިން އޭނާ އެ ތަކެއްޗާ ހަވާލުވި ނަމަވެސް ފަހުން ބުނެފައިވަނީ އެއީ ފުލުހުން މަޖުބޫރުކޮށްގެން އެއްބަސްކުރުވީ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ނައިރު ނުނެސް ދޫކޮށްލުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ, އެކެއްގެ އަތުގައި ހުރި މަސްތުވާތަކެއްޗެއް އެހެން މީހެއްގެ އަތުގައިވެސް ހުރިކަމަށް ބެލެވޭނީ ދެ އުންސުރެއް ހަމަވެގެން ކަމަށެވެ. ފުރަތަމަ އުންސުރަކީ އޭނާއަށް އެނގިގެން އެހެން މީހެއްގެ އަތުގައ މަސްތުވާތަކެތި ހުރުމެވެ. ދެވަނަ އުންސުރަކީ އޭނާގެ ރުހުމުގައި އަނެއް މީހާ އަތުގައި މަސްތުވާތަކެތި ހުރުމެވެ. އެ ދެ އުންސުރުގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމަވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެކުގައި ދަތުރުކުރުމާއި އެއް ލަގެޖެއްގައި ދެ މީހުންގެ އަންނައުނު ހުރުމަކީ ކޮންމެވެސް ވަރެއްގެ ތުހުމަތު އުފެދޭ ސަބަބެއް ނަމަވެސް, އޭނާ ބަންދުގައި ހުންނަތާ މަހެއްހާ ދުވަސްވީއިރު އެކަށީގެންވާ ހެއްކި ހޯދިފައި ނުވާކަން ޝަރީއަތުން ވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ދެން ހައްޔަރު ކުރި ކްރިސްޓިއާނޯއަށް ޖެހި ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ލަގެޖުން ފެނުނު މަސްތުވާތަކެތީގެ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް