ހަންގަނޑު ހިކޭނަމަ ކަންތައް ކުރާނީ ކިހިނެއް؟

ގައިގެ ހަންގަނޑު ހިކުމަކީ ވަރަށް އާންމުކޮށް އެކި އުމުރުގެ މީހުންނަށް ދިމާވާ ކަމެކެވެ. އާންމުކޮށް މި މައްސަލަ ދިމާވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވީ ނަމަވެސް ޅަފުރައިގެ ކުދިންނަށްވެސް މި މައްސަލައާ ކުރިމަތިލާން ޖެހެއެވެ . އެކި ސަބަބުތަކާހުރެ ހަންގަނޑު ހިކުމާއި ހިރުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހޭ ނަމަވެސް ފިނި މޫސުމުގައި މިކަން ތަހައްމަލުކުރާ މީހުންނަށް އުނދަގޫ ބޮޑުވެއެވެ. އަދި މާ ބޮޑަށް ހޫނު ގަދަވާ ނަމަވެސް މިކަމުގެ އުނދަގޫ ބޮޑުވެއެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަންގަނޑު ތެތްކޮށް ބެހެއްޓުމަށްޓަކައި ތެޔޮ އުފެދުމުގެ ބައި ދަށްވާނެއެވެ .

ހަމަ އެއާއެކު ހަށިގަނޑުން ދާ ހިތްލުމުގެ ބައިވެސް ދަށްވެ، ހަންގަނޑު ތެތްކަންމަތީ ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް ކުޑަ ހިތްވަރަކާއެކު ހަންގަނޑުގެ ތާޒާކަން އިތުރުކުރެވޭނެއެވެ. އެންމެ މޮޅު އަދި އެންމެ ފަސޭހަ ގޮތަކީ ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުމެވެ. ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރާނަމަ ނަތީޖާއެއްގެ ގޮތުން ހަންގަނޑަށް އާރޯކަމާއި ތާޒާކަން ލިބިގެންދާނެއެވެ.

ކޮންމެ 4 އަންހެނުންގެ ތެރެެއިން އެކަކީ ނިޔަފަތި ހަލާކުވުމުގެ މައްސަލައާ ކުރިމަތިލާންޖެހޭ މީހެކެވެ. ނިޔަފަތި ހިކިގަތުން ނުވަތަ ހަލާކުވުމަކީ ހަންގަނޑު ހިކުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ ވަރަކަށް ނިޔަފަތި ހަލާކުވެއެވެ. މިކަން ހައްލުކުރުމަށްޓަކައި ގިނަގިނައިން އަތްދޮވުމާއި އަވިން ރައްކާޔެރިވުމަށް އަންގިއެއް ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ނިޔަފަތި ތަކުގައި ޕެޓްރޯލިއަމް ޖެލް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

އަނގައިގެ އެތެރެ ފާރުވުމާއި ހިކުމަކީވެސް ގައިގެ ހަމުގެ ތެތްކަން ކުޑަވެ ހިކުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވާ ސަބަބެއް ކަމުގައި ބެލެވެނީ އަނގައިން ކުޅު އުފަައްދާ މިންވަރު ދަށްވުމެވެ. މިކަމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމާއި ދަތްތައް ހަަޑިވުމަކީ ދިމާވާ އިތުރު މައްސަލަތަކެވެ. ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ފެން ބުއިމަކީ މިކަމަށްވެސް ލިބޭނެ ހަައްލެކެވެ. ނުވަތަ ޑޮކްޓަރެއްގެ ސިއްހީ ލަފާ ހޯދުން މުހިންމެވެ.

ބޮލުގައި ހަންފޮޅުންވެސް ހިމެނެނީ ހަންގަނޑު ހިކުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައެވެ. މިއީ ވަރަށް އާންމު ކަމެކެވެ. ދެޖިންސުގެ މީހުންނަށްވެސް ދިމާވާ މިކަމުގައި ވަކި އުމުރެއް ނޯވެއެވެ. ހަށިގަނޑުގައި ހޯމޯންގެ މިންވަރަށް އަންނަ ބަދަލު ތަކުގެ ސަބަބުންނާއި މާބޮޑަށް ފިނިވެ، ހޫނުވުމުގެ ސަބަބުންވެސް މި މައްސަލަ ދިމާވެއެވެ. ދިގު، ފަން ނުވަތަ ބުޅި އިސްތަށިގަނޑެއް ނަމަވެސް މި ކަން ދިމާވެއެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ކުލަ ބަދަލުވެ، ތުނިވެ ހަލާކުވެއެވެ. މިއީވެސް ސިއްހީ އިރުޝާދުގެ ލަފަޔާއެކު ފަރުވާ ހޯދަން ޖެހޭ ކަމެކެވެ. ހަން ފޮޅުމަށް ހާއްސަ، ޑޮކްޓަރުންގެ އާބަސް ލިބިފައިވާ ޝޭމްޕޫއެއް ގިނަ ފަހަރު ބޭނުންކުރަން ޖެހެއެވެ. އަދި އިސްތަށިގަނޑު މަދުވެގެން ހަފުތާއަކު ދެފަހަރު ދޮވުމަކީވެސް މުހިންމު ކަމެކެވެ.

މަސްދަރު:ހެލްތްލައިން.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު