ޖެންޑާ މިނިސްޓްރީގެ 21 މުވައްޒަފަކު ވަކިކުރަން ނޯޓިިސް ދީފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ 21 ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަަށް ޓަކައި އެ މީހުންނަށް ނޯޓިސް ދީފިއެވެ.

އެ ކަން ޔަގީންކޮށްދެއްްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ މިއަދުކަމަށެވެ. އަދި ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެެއްކަމަށެވެ.

އެ މުވައްޒަފުން ވަކިކުރަނީ ވިލިމާލޭ ކުޑަ ކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ފަހުން ޖެންޑާ މިނިސްޓްރީން ހުޅުވި އަމާން ހިޔާއަށް ބަދަލުކުރުމާއެކު ވިލިމާލެ ކުޑަކުދިންގެ ހިޔާ ބެލެެހެއްޓުމަށް ބޭނުންކުރާ މުވައްޒަފުން މަދުކުރުމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޖެންޑާގެ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާ މީގެ ކުރިން ހުސްކުރުމަށްފަހު ވެސް އެ ތަނުގައި ތިބި މުވައްޒަފުންނަށް ނޯޓިސް ދިންކަމަށެވެ. އެގޮތުން 71 މުވައްޒަފަކަށް ނޯޓިސް ދީ މިނިސްޓްރީގެ ތެރެއިން ވެސް ވަޒީފާގެ ފުރުސަތު ދީފައިވާނެކަމަށް ބުންޏެވެ. ނަމަވެސް އޭނާ ވިދާޅުވީ މި ފަހަރު ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަސް ނޯޓިސް ދިނީ ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކަކާއެކުކަމަށެެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ބަލަހައްޓަަމުން އަންނަ ކުޑަކުދިންގެ ހިޔާގެ އަމާންކަން ގެއްލި މި އަހަރުގެ ތެރޭ އެ ތަނުގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ކުދިންގެ އަހްލާގީ ފެންވަރު ދަށްވެ ގިނަ މައްސަަލަތަކެއް ވެސް ވަނީ ފާހަގަވެފައެވެ. ހަމައެއާއެކު އަލިފާނުގެ ތިން ހާދިސާއެއް ވެސް އެތަނުގައި ވަނީ ހިނގާފައެވެ.

އެއާއެކު ޖެންޑާ މިނިސްޓަރަށާއި މިނިސްޓްރީގެ އިސްވެރިންނަށް ގިނަ ފާޑު ކިޔުންތަކެއްވަނީ އަމާޒުވެފައެވެ. އަދި އެ މިނިސްޓްރީއަށް މައްސަަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ އަޑުތައްވަނީ ގަދަވެފައެވެ.

comment ކޮމެންޓް