ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިނާޔަތްތައް ބޮޑުކުރަން ގޮވައިލައި ރައީސް އޮފީހަށް ޕެޓިޝަނެއް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ދިރާގުން ބޭއްވި އިވެންޓެއްގެ ތެރެއިން -- ފޮޓޯ/ ދިރާގު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތްތައް ބޮޑުކުރުމަށް ގޮވައިލައި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން އެ އޮފީހަށް ހުށަހަޅައިފައިވަނީ މިއަދެވެ. މި ޕެޓިޝަނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މި މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅަކު "ސަން"އަށް ވިދާޅުވީ މި ޕެޓިޝަނަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން 27ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕެޓިޝަނެއްކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި 7،386 މީހުންގެ ސޮއި ޕެޓިޝަނަަށް ހޯދިކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު މިއަދު މެންދުރު އަޅުގަނޑުމެންވާނީ ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅައިފައި. ދެން މި ޕެޓިޝަން ހުށަހެޅީ، ވޭތުވެ ދިޔަ ސަރުކާރުތަކުގައާއި މި ސަރުކާރުގެ މި ތިން އަހަރުގެ ތެރޭ މި ކުދިންނަށް ލިބޭ އެލަަވަންސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލިސް މެންބަރުން ކައިރިއަށާއި ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓަރުން ކައިރިއަށާއި އަދި މިދިޔަ ސަރުކާރުގައާއި މި ސަރުކާރުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ކައިރިއަށް ދިޔުމުން ވެސް އެ ކަން ކާމިޔާބުވެފައި ނުވާތީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕެޓިޝަނަކީ އެއްވެސް ޖަމިއްޔާއެއްގެ ބައިވެރިވުން އޮވެގެން ކުރިއަށްގެންދިޔަ ޕެޓިޝަނެއް ނޫންކަމަށެވެ. އަދި އެ ކަމުގައި ހަރަކާތްތެރިވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކެއް އަމިއްލައަށް އިސްނަގައިގެންކަމަށެވެ.

މީގެ އިތުރުން މިހާރު އެކުދިންނަށް ދެމުން އަންނަ އިނާޔަތަކީ މާ ކުޑަ އަަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަލީގެ ގޮތުން އެކި ހާލަތުގެ ކުދިން އުޅޭއިރު އެ ކުދިންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް މިހާރު ލިބޭ އިނާޔަތުން ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ. އެއާއެކު ޕެޓިޝަނުގައި އިނާޔަތުގެ އަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ގޮވައިލައިފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިނާޔަތްތައް ބޮޑު ނުވުމުގެ ޝަކުވާއާއި ކަންބޮޑުވުމަކީ އަބަދުވެސް ފާޅުކުރަމުން އަންނަ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިނާޔަތްތައް ބޮޑުކޮށްދެއްވާނެކަމުގެ ޔަގީންކަން މީގެ ކުރިން ދެއްވައިފައިވާކަމަށް ވެސް މި ޕެޓިޝަން ހުށަހެޅި ފަރާތުން ވިދާޅުވިއެވެ. އަދި އުންމީދަކީ ވީހާ ވެސް އަވަހަށް އިނާޔަތް ބޮޑުވުންކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕެޓިޝަނާއެކު ކަންބޮޑުވުންތައް ބަޔާންކޮށް ސިޓީއެއް ވެސް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް