އެޕޮއިންޓްމަންޓް ހެއްދުން ފަދަ ގިނަ ހިދުމަތްތަކަކާއެކު އައިޖީއެމްއެޗް އެޕާއި ޕޯޓަލް ތައާރަފްކޮށްފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ ހިދުމަތްތަކަކަށް ބޭނުން ހިފޭނެހެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން އެ ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަނާއި އޮންލައިން ޕޯޓަލް ތައާރަފްކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ އެ ހޮސްޕިޓަލުގެ، ހޮސްޕިޓަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (އެޗްއެމްއައިއެސް)ގެ ދަށުން ގާއިމުކޮށްފައިވާ އެޕްލިކޭޝަނެކެެވެ.

އެ ހޮސްޕިޓަލުން ބުނީ އެޗްއެމްއައިއެސްގެ ބޭނުމަކީ އެ ހޮސްޕިޓަލުގެ ކަންކަން ހަރުދަނާކުރުންކަމަށެެވެ. އަދި ޑިޖިޓަލްކޮށް ސިއްހީ ރިކޯޑުތައް މެނޭޖް ކުރުންކަމަށެވެ.

އެ ހިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ މަގު ފަހިވާނެއެވެ. އަދި ބޭސް ސިޓީއާއި ލެބް ރިޕޯޓުގެ އިތުރުން އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރުމަށް ވެސް ފުރުސަތު ލިބޭނެއެެވެ. އަދި ބިލުތައް ވެސް ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަލައިލެވޭނެއެވެ.

އައިޖީއެމްއެޗުން ބުނީ މި އެޕްލިކޭޝަން ތައާރަފްކޮށްފައިވީ ނަމަވެސް މި ވަގުތު އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ ހަމައެކަނި އެންޑްރޮއިޑް ފޯނުތަކަށްކަމަށެވެ. އަދި ވަރަށް އަވަހަށް އައިއޯއެސް ފޯންތަކަށް ވެސް އެޕްލިކޭޝަން ޑައުންލޯޑްކުރަން ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް