ޕެންޝަން އޮފީހުގެ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭނެ ކޮށާރު ޕޯޓަލް ތައާރަފްކޮށްފި

ޕެންޝަން އޮފީހުގެ ހުރިހާ ޚިދުމަތެއް އެއް ތަނަކުން ލިބޭނެ ކޮށާރު ޕޯޓަލް ތަޢާރަފް ކުރުން -- ފޮޓޯ/ ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް، އޮންލައިންކޮށް އެއްތަނަކުން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެއް ތައާރަފު ކޮށްފިއެވެ.

ކޮށާރުގެ ނަމުގައި މި ޕޯޓަލް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ޕެންޝަން އޮފީހުގައެވެ.

ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

މި ޕޯޓަލްގެ އެހީގައި ޕެންޝަން އޮފީހުގެ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން، 24 ގަޑިއިރު ލިބެން ހުންނާނެއެވެ.

އެގޮތުން، ވަޒީފާއަދާކުރާ މީހެއް ނަމަ، ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ވުމާ ހަމައިން، އެމީހަކަށް ބޭނުންވާ ހިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި، ޕޯޓްފޯލިއޯ ބަދަލު ކުރުމުގެ އިތުރުން އެމީހަކަށް ސްކީމުން ލިބޭ ބެނެފިޓްސްތަކުގެ ތަފްސީލު ބެލުން އަދި ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓާ ފަަދަ ޓޫލްސްތައް މި ޕޯޓަލްގައި ހިމެނޭނެއެވެ.

މިކަމުގެ ސަބަބުން ޒުވާން އުމުރުގައި ޕެންޝަން ޕްލޭން ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ހަމައެއާއެކު ޕެންޝަނަރެއްނަމަ ކިއުގައި ޖެހި، ކަރުދާސް ފޯމު ހުށަހެޅުމަށް ކުރަންޖެހޭ ކަންތައްތަކުގެ ބަދަލުގައި ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅޭނެއެވެ.

މީގެ އިތުރުން އެމީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫންވެސް މައުލޫމާތު ވަގުތުންވަގުތަށް ބަދަލު ކުރެވޭނެއެވެ. އަދި ވަޒީފާދޭ ފަރާތްތަކަށްވެސް ބޭނުންވާނެފަދަ މުހިންމު ފީޗާތަކެއް އެ ޕޯޓަލްގައި ހިމަނައިފައިވެއެވެ.

comment ކޮމެންޓް