ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވަނީ

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ބާއްވާ އެ ޖަލްސާގައި އެމަނިކުފާނު ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

"މި ޖަލްސާގެ ތައްޔާރީތަކުގެ ތެރޭގައި އަޅުގަނޑުމެންވާނީ މި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައި. ސިޓީ ކައުންސިލް ވަރަށް ހެޔޮފުޅު އަޅުގަނޑުމެންނަށް މިހާރު ވަނީ ކާނިވާ ސަރަހައްދު ލިބިފައި،" ޝުޖާއު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ހަރަކާތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނަށް ނުހައްގުން އަނިޔާކުރިކަން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުން ސާފުކޮށް ސާބިތުވާން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާ ބޭއްވުމުގެ މަގްސަދަކީ ރައީސް ޔާމީނާ، އެ މަނިކުފާނުގެ ސަޕޯޓަރުން ގާތުން ބައްދަލުވާނެ މަގު ފަހިކޮށްދިނުންކަމަށެވެ.

އަދި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ސަޕޯޓަރުން އަތޮޅު ތެރެއިން ވެސް މާލެއަށް އައިސް ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމުންވަނީ ދައުވަތު ދީފައެވެ. މީގެ އިތުރުން މުހައްމަދު އިސްމާއީލް ވިދާޅުވީ އެ ޖަލްސާއަކީ އެތައް ގޮތަކުން ހާއްސަވެގެންދާނެ ޖަލްސާއެއްްކަމަށެވެ.

"ވީހާ ވެސް ގިނަ ލޮބުވެތި ރައްޔިތުން، ކައިރި ރަށްރަށުން ވެސް އާދެވެން ތިބި ރައްޔިތުން، އެ ބޭފުޅުންގެ އަމިއްލަ ފުދުންތެރިކަން ހުރިނަމަ ވަޑައިގެންދެއްވުމަށް އަޅުގަނޑު ދައުވަތު އަރުވަން. ވަޑައިގަންނަވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

ސުޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

comment ކޮމެންޓް