އޮގަސްޓު މަހު މޮނިޓަރިންއަށްލީ އައްޑޫގެ ހާލަތު އަދިވެސް ގޯސް

އައްޑޫ ސިޓީ، ހުޅުމީދޫ

އޮގަސްޓް މަހުގެ ތެރޭގައި މޮނިޓަރިންއަށް ލީ އައްޑޫ ސިޓީގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 200އިން ދަށަށް ނުދާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލާފައި ވަނީ އޯގަސްޓު މަހުގެ 28ގައިއެވެ. އެ ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއްޔެ އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން އިއްޔެ އައްޑޫން އަލަށް 13 މީހުން ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 263އަށް އަރާފައެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިދިޔަ އޮކްޓޯބަރު މަހުގެ 29އިން ފެށިގެން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ދުވަހަށް ފަހު އެ ސިޓީގައި އެކްޓިވް ކޭސްތަކުގެ އަދަދު 200އިން ދަށަށް ގޮސްފައި ނުވެއެވެ.

އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އައްޑޫއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2،798އަށް އަރާފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 2،525 މީހެކެވެ.

އެ ސިޓީން ކޮވިޑް ޖެހިގެން 10 މީހަކު މަރުވެފައިވެއެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ ހޯމަ ދުވަހު ވަނީ އިތުރު ފިޔަވަޅުތައް އަޅައިފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމުގެ އިތުރުން އާއްމުކޮށް އެންމެން އެއްތަނަކަށް އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަނާ ކުރުން ހިމެނެއެވެ.

ހަމައެއާއެކު އައްޑޫގެ ސްކޫލްތަކުގައި ކިޔެވުމުގެ އިތުރުން ބާއްވާ އެހެނިހެން ހަރަކާތްތަތައް މިވަގުތު ކުރިޔަށް ނުގެންދިޔުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން އައްޑޫގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް