އޮމިކްރޯން ވޭރިއަންޓް ފެނުނީ ދެކުނު އެފްރިކާއިން ތޯ ނުވަތަ ނެދަލޭންޑްސްއިން ތޯ ކަށަވަރެެއްނުވޭ

އެމްސްޓާޑަމް (01 ޑިސެންބަރު): ކޮވިޑް-19 ގެ އެންމެފަހުގެ ވޭރިއަންޓް އޮމިކްރޯން ދެކުނު އެފްރިކާއިން ފެނުމުގެ ކުރިން އެވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ މީހުން ޔޫރަޕްގެ ގައުމެއްކަމަށްވާ ނެދަލޭންޑްސް ގައި ތިބިކަން އެގައުމުން ހާމަކޮށްފިއެވެ.

ނެދަލޭންޑްސް ޕަބްލިކް ހެލްތާބެހޭ އިދާރާ "ނެޝަނަލް އިންސްޓިޓިޔުޓް ފޯ ޕަބަލިކް ހެލްތް" އިން އިއްޔެ ބުނެފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހާއި 23 ވަނަ ދުވަހު ނެދަލެންޑްސްގައި ކޮވިޑް އަށް ޓެސްޓްކުރި ބައެއްގެ ތެރެއިން ދެ މީހަކަށް އޮމްރިކޯން ޖެހިފައިވާކަން ކަށަވަރުވެފައިވާކަމަށާއި އެދެމީހުންނަކީ ދެކުނު އެފްރިކާއަށް ދަތުރުކުރި ބައެއް ނޫންކަމުގައެވެ.

ނެދަލޭންޑްސް އިން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ ގިނަ ބަޔަކު ފެނިފައިވާއިރު އެގައުމަށް އެވޭރިއަންޓް އައީ ދެކުނު އެފްރިކާއަށް ދަތުރުކުރި ބައެއްގެ ސަބަބުންކަމަށް ކުރިން އެގައުމުންވަނީ ބުނެފައެވެ.

ނަމަވެސް އޮމިކްރޯން ޖެހިފައިވާ ބަޔަކު ދެކުނު އެފްރިކާއިން ނެދަލެންޑްސް އަށް އައިސްފައިވަނީ ނޮވެންބަރު މަހުގެ 26 ވަނަދުވަހު ކަމަށްވެފައި ނޮވެންބަރު މަހުގެ 19 ވަނަ ދުވަހާއި 23 ވަނަ ދުވަހު ޓެސްޓްކުރި މީހުންގެ ތެރޭގައި އޮމިކްރޯން އަށް ޕޮޒިޓިވް ބަޔަކު ތިބިކަން ނެދަލޭންޑްސް ޕަބްލިކް ހެލްތާބެހޭ އިދާރާ "ނެޝަނަލް އިންސްޓިޓިޔުޓް ފޯ ޕަބަލިކް ހެލްތް" އިން ކަށަވަރުކޮށްދިނުމުން އެގައުމަށް އޮމިކްރޯން އެންމެ ފުރަތަމަ ވާސިލްވީ ދެކުނުއެފްރިކާއިން ނޫންކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

މިއާއެކު ދެކުނު އެފްރިކާއިން އޮމިކްރޯން ވޭރިއަންޓް ފެނުނުއިރުވެސް އެ ވޭރިއަންޓް ޖެހިފައިވާމީހުން ނެދަލޭންޑްސްގައި ތިބިކަން މިވަނީ ހާމަވެފައެވެ.

ކޮވިޑްގެ ޑެލްޓާ ވޭރިއަންޓާ ތަފާތު ވައްތަރެއް ދެކުނު އެފްރިކާގައި އުޅޭކަން ޝައްކު ކުރެވިގެން އެގައުމުގެ ޕަބްލިކް ހެލްތްގެ ތަޖްރިބާކާރުން ސައެންސްވެރިން ގެ ސަމާލުކަމަށް އެކަން ގެނަސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަދުވަހުއެވެ.

އެއާއެކު ދެކުނު އެފްރިކާގެ ސައެންސްވެރިން ކޮވިޑް ވައިރަސްގެ ޖީނޯމިކް ސީކުއެންސިން ދިރާސާކޮށް ބެލިބެލުމުން އެއީ ކޮވިޑްގެ އައު ވޭރިއަންޓެއްކަން ކަށަވަރުވިއެވެ. އަދި އެ ވޭރިއަންޓަށް އިލްމީ ގޮތުން "B.1.1.529 ސާސް ކޯވް2" ގެ ނަމުން ނަންދީ އެކަން އިއުލާން ކުރީ މިމަހު 25 ވަނަ ދުވަހުއެވެ.

ނަމަވެސް އެކަން ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަށް އަންގައި އެއިދާރާއިން އެދިރާސާ ކަށަވަރުކޮށް އޮމިކްރޯންގެ ނަމުން އެވޭރިއަންޓަށް އާންމު ނަންދީ އެޖަމްއިއްޔާގެ މެންބަރު 194 ގައުމަށް ރަސްމީގޮތުން އެކަން އަންގާފައިވަނީ މިމަހުގެ 26 ވީ ހުކުރުދުވަހުއެވެ.

comment ކޮމެންޓް