ވިސްނުން ތޫނުކުރުމަށް މިކަންކަމަށް ސަމާލުކަންދިނުން މުހިންމު!

ވިސްނުމާއި ހަނދާނުގެ ބަލިކަށިކަމަކީ ވަރަށް އަވަހަށް މީހާ މާޔޫސްކުރުވާ ކަމެކެވެ. އެހެން މީހުންގެ މަލާމާތާއި ބަހުގެ ހަމަލާ ކުރިމަތިކުރުވާ ކަމެކެވެ. ގަރަހިތަ އެކޭ ބުނެ ނިކަމެތި ކޮށްލާ ކަމެކެވެ. ނަމަވެސް ވިސްނުމުގައި ހުރި ބަލިކަށިކަމަކީ ތޫނުކަމަށް ބަދަލު ކުރެވޭނެ އެއްޗެކެވެ. ހަނދާނުގައިވާ ބަލިކަށިކަމަކީ ގަދަކަމަކަށް ބަދަލު ކުރެވޭނެ އެއްޗެކެވެ. ބޭނުންވަނީ ހިތްވަރާއި ސާބިތުކަމެވެ.

ވާހަކަ ކިޔުމާއި ފިލްމް ބެލުން ފަދަ ކަންކަމަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވަގުތު ބޭކާރުކުރެވޭ ކަމެކެވެ. ނަމަވެސް ހަގީގަތަކީ އެފަދަ ކަންކަމަކުން އިންސާނާގެ ސިކުނޑީގެ މަސައްކަތް ރަނގަޅުވާކަމެވެ. ފިލްމުތަކާއި ވާހަކަތަކުގައި ފިލްމް ނުވަތަ ވާހަކައިގެ ލީޑް ބަތަލަށް ކުރިމަތިކުރުވާ ހާދިސާއަކީ ކުރިން ދިމާވެފައިވާ ކަމަކަށް ވާ ނަމަ އެކަމެއް ހަނދާނަށް އަންނާނެއެވެ. ނުވަތަ އުނދަގޫތަކެއް ކުރިމަތި ކުރުވާނެއެވެ. އެހެންކަމުން ލިބޭ ހުސްވަގުތުތަކުގައި މިއިން ކަމެއް ކޮށްލެވިދާނެއެވެ.

އެކުވެެރިންނާ ބައްދަލުވެ އުޅުމަކީވެސް ވިސްނުން ތޫނުކުރުމަށްޓަކައި ކުރެވިދާނޭ ކަމެކެވެ. ގިނަގިނައިން އެކުވެރިންނާ ބައްދަލުވެ، ވާހަކަ ދައްކާ އުޅުމުން އަވަސް އަވަހަށް ހަނދާންނެތުމުގެ މައްސަލަ ހައްލުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. އަދި ގިނައިން ވާހަކަ ދެކެވޭނަމަ ދެކެވޭ ވާހަކައަށް ސަމާލުކަންދެވި ކަންކަމާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ލިބިގެންދެއެވެ. އަދި ނަތިޖާއެއްގެ ގޮތުން އާ ކަންތައްތައް ދެނެގަނެވި، ވިސްނުމާ ފިކުރު ފުޅާވެގެންދެއެވެ.

ގިނައިން ހުނުމަކީވެސް ވިސްނުން ތޫނުކުރުމަށްޓަކައި ކުރެވިދާނޭ ކަމެކެވެ. މާބޮޑަށް މީހާ ކަންބޮޑުވެ ހާސްވާނަމަ، "ކާޓިސޮލް" ނަމަކަށް ކިޔާ ހޯމޯނެއް ސިކުނޑީގެ ޒަރީއާއިން އުފައްދައެވެ. މި ހޯމޯން ހަށިގަނޑުގައި މާބޮޑަށް އިތުރުވުމުން ކަންކަން ހަނދާނުގައި ބަހައްޓަން އުނދަގޫވެއެވެ. އަދި ކަންކަމާ ވިސްނާ ފިކުރުކުރުމުގެ ފުރުސަތު ނުލިބެއެވެ. އެހެންކަމުން މީހާ ކަންބޮވެ ހާސްވިޔަ ނުދިނުމަށްޓަކައި އަމިއްލަ މީހާގެ ހިތްހަމަޖެހުން ހޯދުމަކީ ބުއްދިވެރި ކަމެކެވެ. އަދި ގިނައިން ހޭ ނަމަ ސްޓްރެސް ވާ މިންވަރު ކުޑަވެ، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެއެވެ.

އާ ކަންތައްތައް ދެނެގަތުމާއި ދަސްކުރުމާއި ދަސްކުރަން މަސައްކަތްކުރުމަކީ ސިކުނޑީގެ ސެލްތައް އިތުރަށް މަސައްކަތްކުރުވާ ކަމެކެވެ. މީހާ ކުރާހިތްވާ ކަމެއް ދަސްކުރަން މަސައްކަތްކުރުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވެ، ވިސްނުމާއި ފިކުރު ބޭނުންކުރުމުގެ ބާރު ގަދަވެއެވެ. ހާއްސަކޮށް ކުރަން އުނދަގޫ ކަމެއް ކުރަން އުޅެފިނަމަ ސިކުނޑީގެ މަސައްކަތުގެ ބަރުދަން އިތުރުވެއެވެ. ނަމަވެސް އެކަމުގައި އެކުލެވިގެންވަނީ ވިސްނުމާއި ފިކުރު ހިންގުމުގެ ކުޅަދާނަކަމުގެ ފައިދާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު