ފެންބިލާ ގުޅޭގޮތުން މައުލޫމާތު ދޭން ހިޔާ ފްލެޓްގައި ހެލްޕް ޑެސްކެއް

ފެންބިލާ ގުޅޭގޮތުން މައުލޫމާތު ދޭން ހިޔާ ފްލެޓްގައި ބަހައްޓާފައިވާ ހެލްޕް ޑެސްކެއް -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ފެންބިލާ ގުޅޭގޮތުން ހިޔާ ޓަވަރު13 ގެ މީހުނަށް މައުލޫމާތު ދޭން އެމްޑަބްލިޔުއެސްސީއިން ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ހެލްޕް ޑެސްކުގެ އެހީގައި ފެންބިލާ ބެހޭގޮތުން މައުލޫމާތު ސާފުކޮށް، ފްލެޓްތަކުގެ ފެން މީޓަރު ރަޖިސްޓްރީ ކުރުމާއި އެމްޑަބްލިޔުއެސްސީ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސައްކަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ސްކީމަށް އެދެވޭނެ ކަމަށެވެ.

މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި، މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު 1:00ން 3:00ށް ޓަވަރު13 ގައި މި ހެލްޕް ޑެސްކް ބެހެއްޓިފައި ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ހެލްޕް ޑެކްސް ބެހެއްޓުމުގެ މަގުސަދަކީ ހިޔާ ފްލެޓްގައި އުޅޭ މީހުނަށް ފަސޭހަކަމާއެކު ފެން މީޓަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމާއި ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ގާތުން ދިނުން ކަމަށެވެ.

އެގޮތުން ފެން މީޓަރު ރަޖިސްޓްރީ ކުރުމަށްޓަކައި، ވެރިފަރާތުގެ އައިޑީކާޑާއި ހިޔާ ފްލެޓްގެ އެގްރިމެންޓްގެ ސަފްހާ 29 ގެންދިއުމުން ފެން މީޓަރު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްގެ އެޕާޓްމަންޓަތަކުން ފެން ލީކުވާ ނަމަ ދެނެގަންނާނެ ގޮތާއި ފެން ލީކުވާނަމަ ކަންތައް ކުރާނެގޮތް ކަސްޓަމަރުންނަށް ކިޔައިދޭނެކަމަށް އެބްޑަބްލިޔުއެސްސީން ބުންޏެވެ.

comment ކޮމެންޓް