ކޯޓުތައް އިސްލާހުވަމުން އަންނަ ކަން ގިނަ ރައްޔިތުން ގަބޫލުކުރޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އާސްކް ސްޕީކާ ޕްރޮގްރާމްގައި --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ކޯޓުތައް އިސްލާހުވަމުން އަންނަ ކަމަށް، މިއަދު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ ހަތަރު ވަނަ ޕްރޮގްރާމްގައި، ޝަރުއީ ދާއިރާ އިސްލާހުކުރަންވީ ވައުދު ފުއްދަނީ ކޮންއިރަކުތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އަބަދު ވެސް ވަކާލާތުކުރަމުން އައި ކަމެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުގެތައް ރަނގަޅަށް ހިންގާނެ ގޮތަކާއި އެތަންތަނަކީ މިނިވަން ތަނެއްގެ ގޮތުގައި ހެދުމަކީ އެންމެ ބޮޑު އެދުން ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އާންމު ހާލަތު ރަނގަޅުވެ، އަސާސީ ކަންކަން އެންމެ ފުރިހަމަވުމަށް އިންސާފުވެރި ޝަރުއީ ނިޒާމެއް ބޭނުންވާ ކަމަށެވެ.

"ޝަރީއަތް އިސްލާހުކުރުން އެއީ އަޅުގަނޑުމެންގެ ވައުދެއް، އެ މަސައްކަތް އަޅުގަނޑުމެން މި އަންނަނީ ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.

މިއަދު ސުޕްރީމު ކޯޓުގައި ކުރިއަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް އަލި އަޅުވައިލައްވަމުން، ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހުވެފައިވާ މިންވަރުގެ ވާހަކަ މިހާރު އިދިކޮޅު ވާދަވެރީންނާއި ރައްޔިތުން ވެސް ދައްކަމުން އަންނަ ކަމަށެވެ.

"ސުޕްރީމް ކޯޓުން ހާއްސަކޮށް، މިއަދު އެ ނިންމުނު ގަޒިއްޔާއާ ގުޅިގެން، ރައީސް ޔާމީން އާ ގުޅޭ ގަޒިއްޔާ އާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެބަ ދެކޭ ރާއްޖޭގެ ކޯޓުތައް އިސްލާހުވަމުން އަންނަކަމަށް. އަދި ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

"ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް ވެސް އެތައް ބަޔަކު އެދޭ. އެއީ އަޅުގަނޑުމެން އިންތިހާބަށް ނުކުތް އިރުގަ އަޅުގަނޑުމެންގެ ވައުދެއް ފަސް އަހަރުތެރޭގައި އަޅުގަނޑު ކުރާން ބުނެފައި އޮތް ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ވެސް ގިނަ ބަޔަކު ހިޔާލު ދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ހުރިހާ ބަދަލެއް އެއްފަހަރާ ގާނޫނު އަސާސީއަށް ގެނައުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވައިފައެވެ.

"އެވަގުތުގަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އަޅުގަނޑަށް ވެސް ފެންނަ ގޮތުގަ ބޭނުންތެރި ކަމެއް،" ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ދުވަހަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް