އަންހެނުންގެ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދިނުން އިތުރު ވެއްޖެ، އީސީގެ ބޮޑު ކަންބޮޑުވުމެއް

އޭޕްރީލް 19، 2021: އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލްތަކަށް ހޮވައިފައި ތިބޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ތެރެއިން ގިނަ އަދަދަކަށް މެމްބަަރުން އިސްތިއުފާ ދޭ މައްސަަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އީސީގެ ރައީސް ފުއާދު ތައުފީގް "ސަން"އަށް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ގިނަ އަދަދަކަށް އިސްތިއުފާ ދެމުން ދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަވޭ އެބަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވިފައިވާ ގިނަ މެމްބަރުން ހަމަ އިސްތިއުފާ ދެމުން އަންނަކަން. ދެން އެއާ ގުޅިގެން އީސީން ވެސް މި އަންނަނީ ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުން. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އެގޮތަށް ހުސްވާ މަގާމުތަކަށް މެމްބަރުން އަލުން ހޮވުމަށް ކުރަންޖެހޭ ހަރަދުތައް ކުރުން،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެމްބަރުން ހޮވުމަށް ބާއްވަން ޖެެހޭ ބައި އިލެކްޝަންތައް ބޭއްވުމަކީ ހަރަދު ބޮޑު ކަމެއްކަމަށެވެ. އަދި ވަސީލަތްތަކާއި ވަގުތު އެ ކަމަށް ބޭނުންވާ ކަމެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭ ހުސްވާ މަގާމުތަކަށް މެމްބަރުން ހޮވުމަށް ބައި އިލެކްޝަން ބާއްވަން ޖެހޭ ރަށްރަށުގައި އެ ކަން ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެގޮތުން އޯގަސްޓު މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަަލަށް 11 ބައި އިލެކްޝަން ބާއްވައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މަގާމަށް ކުރިމަތިލާއިރު އެ ކަމަކީ ކުރާ ހިތުން ކުރާ ކަމެއްގެ ގޮތުގައި ހަދަން ޖެހޭކަމަށެވެ. އަދި މަގާމަށް ހޮވުމުން ލިބޭ އިނާޔަތްތަކާއި މަސްއޫލިއްޔަތުތަކާމެދު ހޭލުންތެރިވުން މުހިންމު ކަމަަށެވެ.

comment ކޮމެންޓް