ހުކުމާއެކު ހަނދާން ކުރީ ފުރާޅުން ޓިނު ނެގި ދުވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ސުޕްރީމް ކޯޓުން ވަނީ މިއަދު ޔާމީން މިނިވަންކޮށްފައި-- ސަން ފޮޓޯ/ އަހުމަދު އައިމަން އަލީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރުން ވެގެން ދިޔައީ އިދިކޮޅު ސަޕޯޓަރުންނަށް އުފާވެރި ހުކުމަކަށެވެ.

ހުކުމް އިއްވުމާއެކު ޕީޕީއެމް އޮފީހާއި ޔާމީން ދިރިއުޅުއްވާ ގެ ކައިރިއަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާއި ސަޕޯޓަރުން އެއްވެ، އުފާ ފާޅުކުރަމުން އަންނައިރު، މިއީ ހައްގަށް ނަސްރު ލިބުނު ދުވަސް ކަމުގައި އެ މީހުން އަންނަނީ ބުނަމުންނެވެ.

ރައީސް ޔާމީން މިނިވަންވުމާއެކު، އެމްޑީޕީ މެންބަރުން ވެސް އަންނަނީ އެކަމަށް މަރުހަބާ ކިޔަމުންނެވެ. އެމީހުން އަންނަނީ މިއަދު ހާމަވެގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަރީ މިނިވަންކުރުމަށް ކުރެއްވި މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ބުނަމުންނެވެ.

ސަރުކާރަށް ތާއީދުކުރާ ގިނަ ބައެކޭ އެއްފަދައިން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އާ ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި "ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި" ކަމަށް ބުނާ ދުވަހުގެ ހަނދާނެވެ.

ޔުމްނާ ވިދާޅުވީ މިއަދު ފުރާޅުން ޓިނު ނަގައިގެން މި ސަރުކާރުން ފަނޑިޔާރުން ހައްޔަރުނުކުރާނެ ކަމަށާއި ސުޕްރީމް ކޯޓުގެ މިނިވަންކަން މިއަދު ހާމަވަގެން ގޮސްފި ކަމަށެވެ.

"މި ސަރުކާރުން ފަނޑިޔާރުން ހައްޔަރެއް ނުކުރާނެ. ފުރާޅުން ޓިނެއް ނުނަގާނެ، " ޔުމްނާ ވިދާޅުވިއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ ސިރާޖު ވަނީ ފަނޑިޔާރުގޭގެ ހުކުމް ސާފު ކަމަށާއި ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ ކަން ހާމަވި ކަމަށް ވިދާޅުވެފައެވެ.

ސިރާޖު ވިދާޅުވީ ހުކުމުން ސާފުވީ ތަހުގީގީ އިދާރާތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން ކަމަށެވެ.

އެންވައިރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވެސް ވަނީ ޖުޑީޝަރީ މިނިވަން ކުރުމަށް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

"މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ އިންސާފުވެރިކަން. ކޯޓުތަކަށް އަތް ނުބާނާނެކަން ހާމަކޮށްދެއްވައި. އެ މަނިކުފާނު ރައްޔިތުންގެ ހިތްތަކުން ޖާގަހޯއްދަވައިފި،" އަލީ ސޯލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ ފަސް ވަނަ ދުވަހު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއެވެ.

ޝަރުއީ ދާއިރާގައި މަސައްކަތް ކުރި ގިނަ ބަޔަކު އެއިރު އައީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށް ބުނެ، ޖުޑީޝަރީއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނަމުންނެވެ.

ޔާމީން، 732 ދުވަހަށްފަހު މިނިވަންވުމުގެ އުފާ އިދިކޮޅުން ފާހަގަކުރަމުން އަންނައިރު، ސަރުކާރުން ސަޕޯޓަރުން އަންނަނީ މިއަދަކީ އިދިކޮޅަށް ލިބޭނެ ފިލާވަޅެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

comment ކޮމެންޓް