އިދިކޮޅު އުފަލުން ފޮޅިފައި، ބުނަނީ ހައްގަށް ނަސްރު ލިބިއްޖެ ކަމަށް

ރައީސް ޔާމީން މިނިވަންކުރުމާ ގުޅިގެން ޕީޕީއެމްއިން އުފާފާޅުކުރަނީ ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން ހައްގަށް ނަސްރު ލިބިއްޖެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ހުކުމް އިއްވުމާއެކު ޕީޕީއެމް އޮފީހާއި ޔާމީން ދިރިއުޅުއްވާ ގެ ކައިރިއަށް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕާއި ސަޕޯޓަރުން އެއްވެ، އެމީހުން ދަނީ އުފާ ފާޅު ކުރަމުންނެވެ. ޔާމީންގެ ގޭ ކުރިމަތީގައި ރަތްދޫލަ އަޅައި ރަތް ފިނިފެންމާ ވެސް ވަނީ އަތުރައިފައެވެ.

https://sun.mv/159534

ޕީޕީއެމްގެ ކެމްޕޭން އޮފީސް ކައިރީގައި އުފާފާޅު ކުރައްވަމުން، އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އަނިޔާވެރިކަމެއް އަބަދަކު ދެމިއެއް ނޯންނާނެ ކަމަށާއި ހައްގަށް ނަސްރުދެއްވާނެ ކަމަށެވެ.

އަދުރޭ ކީރިތި ކުރައްވަމުން ވިދާޅުވީ މިއަދަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށާއި އޭނާއަށް ލިބުނު އުފާ ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމާ ގުޅިގެން ޕީޕީއެމްއިން އުފާފާޅުކުރަނީ ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

"ޔާމީން މިނިވަންވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. މިއީ އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ރައީސް ޔާމީން ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށް މާތް ﷲ ނަސްރުދެއްވި ދުވަސް،" އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުން ދެކެ ލޯބިވާ އަދި ހެޔޮވެރިކަމެެއް ކޮށްދެއްވި ރައީސެއްކަން ސާބިތުވެގެން ގޮސްފައިވާ ކަމަށާއި ދެ އަހަރު ވަންދެން އެމަނިކުފާނު ޖަލަށްލުމަށްފަހު އިންސާފު ލިބުމުން އުފާވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވެސް ކީރިތި ކުރައްވަމުން ވިދާޅުވީ މިއަދަކީ ހައްގަށް ނަސްރު ލިބުނު ދުވަސް ކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމާ ގުޅިގެން ޕީޕީއެމްއިން އުފާފާޅުކުރަނީ ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

ހަމައެހެންމެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ މިއީ ހައްގަށް ނަސްރު ލިބުނު ދުވަސް ކަމަށެވެ. އަދި މިއީ ރައީސް ޔާމީނަށް "ދެ އަހަރު ވަންދެން މި ސަރުކާރުން ކުރި އަނިޔާ ނިމުމަކަށް އައި ދުވަސް" ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ދެން ފެންނާނީ އެ މަނިކުފާނު މިގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގަ ގައުމައިގެން ކުރިއަށް ވަޑައިގަންނަވާތަން. އިރާދަކުރެއްވިއްޔާ ހައްގަށް ނަސްރު ލިބޭނެކަން އެއީ ﷲ ވަހީކުރައްވާފައިވާ ގޮތް، އެކަން މިއަދު ސާބިތުވެގެން ދިޔައީ،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019ގައިއެވެ. އެއީ ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

comment ކޮމެންޓް