ތިމާވެއްޓާ ރައްޓެހި ދެ މިނީ ބަސް ގެންނަނީ

ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު. ސަން ފޮޓޯ / މުހައްމަދު ޝާނިފް

ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ތިމާވެއްޓާ ރައްޓެހި ދެ މިނީ ބަސް ގެންނަން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެެއްވީ މިނިސްޓަރު އާއިޝަތު ނަހުލާއެވެ.

މި އެއްބަސްވުމުގައި ވަނީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ(ޖެފް)ގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދެ އިލެކްޓްރިކް ބަސް ގެނެސް، އެ ދެ އުޅަނދު ޗާޖު ކުރުމަށް ސްޓޭޝަނެއްވެސް ގާއިމު ކުރަން ނިންމައިފައެވެ. އަދި ދެމެހެއްޓެނެވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމާ ބެހޭ މާސްޓާ ޕްލޭނެއް އެކުލަވާލުމަށްވެސް އެ ފެސިލިޓީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ޖައްވަށް ބޭރުވާ ވިހަ ގޭސްތަކުގެ މިންވަރު ދަށްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހަދަންކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، މި އަމާޒަށް ވާސިލުވުމަށް ދަތުރުފަތުރުގެ ނިޒާމުގައި ތިމާވެއްޓާ ރައްޓެހި ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު. ސަން ފޮޓޯ / މުހައްމަދު ޝާނިފް

"ރާއްޖޭގެ ރައްޔިތުންނަކީ 99 އިންސައްތަ ކަނޑުގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ބައެއް. ލޭންޑް ޓްރާންސްޕޯޓުގެ ހާއްސަކޮށް މާލެއަށް ބަލާލާއިރު ކާރާއި ސައިކަލު ވަރަށް ގިނައިން ބޭނުންކުރާ ބައެއް. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ކަންކަން ބަރޯސާވެފައިވާ ކަމަކަށްވީއިރު މިއަދު އަޅުގަނޑުމެން މިސޮއިކުރި އެއްބަސްވުމާއެކީގައި މުޅިން އަލަށް ރާއްޖެއަށް އިލެކްޓްރިކް ބަސް ސިސްޓަމެއް ގާއިމްކުރުމަށް މަސައްކަތް ކުރެވިގެންދާނެ،" ޝައުނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ އެއްބަސްވުމުގެ ދަށުން ބައިސްކަލް ސްކީމެއް ތައާރަފް ކުރާނެ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޝެއަރިންގް ބައިސްކަލް ސްކީމެއް ގާއިމުކުރެވިގެންދާނެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިހާރު އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބަރޯސާވާ ކާރާއި ސައިކަލު ދުއްވުން މަދުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަންކަން މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެވިގެންދާނެ'" ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިިނީ ބަސް ގަތުމަށް މީގެ ކުރިން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެއީ ސަރުކާރު ބަދަލުވިފަހުން ކުރަން އެންމެ އުނދަގޫ މަސައްކަތަށް ވެފައިވާ ކަމަށެވެ. އަދި ޖެފްއިން ފޯރުކޮށްދޭ އެހީގެ ދަށުން ދެ ބަސް ގެނައުމަށް ހަމަޖެހިގެން ދިޔުމުން އުފާ ކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެ މިނިސްޓްރީގެ ވެސް އިސް ވެރިން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް