ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ހާލުކޮޅު ގޯސްވެ އައިސީޔޫގައި ފަރުވާދެނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ

ދާކާ (30 ނޮވެމްބަރު) : ދިގުމުއްދަތަކަށް ޖަލަށް ލާފައިވާ ބަންގްލަދޭޝުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ސިއްހީ ހާލުކޮޅު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ބޭގަމް ޚާލިދާ ޒިޔާގެ އާއިލާއާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނާގޮތުން ޚާލިދާއަށް ފަރުވާދިނުމުގެ ހަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމުންވަނީ އިތުރު ފަރުވާއަށް އެކަމަނާ ގައުމުން ބޭރަށް ގެންދަންޖެހޭ ކަމުގެ ލަފާ ބަންގްލަދޭޝް ސަރުކާރަށް ދީފައެވެ. ނަމަވެސް ސަރުކާރުން މިކަމާމެދު ގޮތެއް ނުނިންމާތީ އާއިލާ ކަންބޮޑުވެފައިވާ ކަމަށް ވެއެވެ.

ބަންގްލަދޭޝްގައި ދެފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭގަމް ޚާލިދާ ޒިޔާ އަކީ އެގައުމުގެ ކުރީގެ ރައީސެއްކަމަށްވާ ޒިޔާއުއްރަޙްމާންގެ އަނބިކަނަބލުންނެވެ. މިހާރު އުމުރުން 76 އަހަރުވެފައިވާ ޚާލިދާ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން 10 އަހަރަށް ޖަލަށްލާފައިވަނީ 2018 ވަނައަހަރުއެވެ.

ބޭގަމް ޚާލިދާއަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމު ބުނާގޮތުން އެކަމަނާއަށް ވަނީ އިންޓާނަލް ބްލީޑިންގް އެއްގެ މައްސަލަ ކުރިމަތިވެފައެވެ. މިހާތަނަށް ދީފައިވާ ފަރުވާތަކުން އެކަން އެއްކޮށް ރަނގަޅުވެފައި ނުވާތީ އިތުރު ފަރުވާއަށް ބޭރަށް ގެންދަންޖެހޭކަމުގެ މެޑިކަލް ލަފާ އެޓީމުންވަނީ ދީފައެވެ.

މިހާތަނަށް ދީފައިވާ ފަރުވާއިން ބޭގަމް ޚާލިދާގެ އެތެރެހަށިން ލޭ އަންނަ މައްސަލައަށް ހައްލެއް ލިބިފައިނުވާތީ ބަންގަލަދޭޝްގައި މިއަށްވުރެ އެޑްވާންސް ފަރުވާދޭނެ މެޝިންތައް ނެތުމުން ބޭރުން ރަނގަޅު ފެންވަރުގެ ފަރުވާ އަވަހަށް ނުދެއްވިއްޖެނަމަ އެކަމަނާގެ ހާލަތު ފުރާނައަށް ނުރައްކާވާ ހިސާބަށް ގޯސްވެދާނެކަމުގެ ބިރުއޮތްކަމަށްވެސް ޑޮކްޓަރުންގެ ޓީމުގެ ވެރިޔާ ފަޚްރުއްދީން މުޙައްމަދު ސިއްދީގީވަނީ ވިދާޅުވެފައެވެ.

ބޭގަމް ޚާލިދާ ޒިޔާ އަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރަށް ވުމުގެ އިތުރުން އެކަމަނާއަކީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ "ބަންގްލަދޭޝް ނޭޝަނަލް ޕާޓީ"، (ބީއެންޕީ) ގެ ޒައީމާ އެވެ. މިހާރުގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާއަކީ އަދިވެސް ޚާލިދާ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބޭގަމް ޚާލިދާގެ ޗިސްމޭ އަށް ކުރިމަތިވެފައިވާ މައްސަލައާ ގުޅިގެން ހަށިގަނޑުގެ އެތެރެއިން ލޭ އަންނާތީ އެކަމަނާއަށް ފަރުވާދެނީ އައިސީޔޫ ގައެވެ. ދާދިފަހުން ޚާލިދާއަށް ކޮވިޑް-19 ޖެހިގެންވެސް އައިސީޔޫގައިވަނީ ފަރުވާދީފައެވެ.

comment ކޮމެންޓް