ރާއްޖޭގައި އެހެން ދީންތައް ފަތުރަން ބޭނުންކުރާ އޮންލައިން މީޑިއަމްތައް ބްލޮކް ކުރުމަށް އަމުރެއް ނެރެފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ފުލުހުން ބުނީ އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް އެ ކޯޓަށް ހުށަހެޅުމުން ކަމަށެވެ.

"ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ވަނީ ނެރެފައި،" ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރު ތަންފީޒު ކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ދިވެހި ބަހުން ލިޔެފައިވާ އެހެނިހެން ދީންތަކުގެ ފޮތްތަކެއް ވެސް ނެރެފައިވެއެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކި އެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

comment ކޮމެންޓް