ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ވިޔަފާރި ކުރުން ހުއްޓުވުމަށް ފާސްކޮށްފި

ފިހާރައެއްގެ ތެރޭގައި ބިދޭސީއަކު: ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ވިޔަފާރި ކުރުން ހުއްޓުވުމަށް މިއަދު ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީންނަށް ހުރިހާ ފައިދާއެއް ލިބޭ ގޮތަށް ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފިއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ, ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމުއެވެ.

އެ ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ފާސްކޮށްފައިވަނީ, ސަރުކާރުން ހުށަހެޅި ގޮތަށެވެ.

ބިލު ހުށަހެޅުއްވުމުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ އިތުރުން އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ރައްޔިތުންނަށް ލިބޭ އިގްތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގުސަދެކެވެ.

މިއަދު ފާސްކުރި އިސްލާހުގައިވަނީ, ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކުރާ ވިޔަފާރިތަކުގެ ރެޖިސްޓްރީ ބާތިލްކުރާނެ ހާލާތްތައް ހިމަނާފައެވެ.

އެގޮތުން އެ ވިޔަފާރީއަކީ ސިދާ ގޮތުން ނުވަތަ ނުސީދާ ގޮތަކުން ވެސް ބިދޭސީއަކު މަންފާ ހޯދުމަށް ހިންގާ ވިޔަފާރީއެއް ކަމުގެ ހެކި ރެޖިސްޓާރ އަށް ލިބިއްޖެ ނަމަ, ހުއްދަ ބާތިލު ކުރެވޭނެއެވެ.

އެފަދަ ވިޔަފާރީއެއްގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ, ވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް ދިވެހި ރައްޔިޔެއް ހަމަޖައްސަން ޖެހޭނެއެވެ.

މީގެ ކުރިން އޮންނަ ގޮތުން ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރީއެއް ރެޖިސްޓާރ ކޮށްދޭނީ ފަސް އަހަރު ދުވަހަށެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހުގައި ވަނީ އެ މުއްދަތު 10 އަހަރަށް އިތުރުކުރުމަށް ހުށަހަޅާފައެވެ. އަދި މުއްދަތު ހަމަވުމުން ވިޔަފާރިކުރުމަށް ކުރިން ދީފައި އޮތް 90 ދުވަހުގެ މުއްދަތު ވަނީ އެއް އަހަރަށް އިތުރުކޮށްފައެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނާއި ހިލާފްވާ މީހުން ކުރާ ޖޫރިމަނާގެ އަދަދު ވެސް ބޮޑު ކުރުމަށް މިއަދު ފާސްކުރި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެގޮތުން ކުރިން, އެ ގާނޫނާއި ހިލާފްވުމުން ގިނަވެގެން ޖޫރިމަނާ ކުރަނީ 20,000 ރުފިޔާއިންނެވެ. އެ އަދަދު 100,000 ރުފިޔާއަށް އިތުރުކުރުމަށް މިއަދު ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް