ދެވަނަ ޝިޕްމެންޓުގެ 20 އެމްބިއުލާންސް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

ރާއްޖެ ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް --- ފޮޓޯ/ ހެލްތް މިނިސްޓްރީ

އަތޮޅު ތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ އިތުރު 20 އެމްބިއުލާންސް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް "ސަން"އަށް ވިދާޅުވީ ކަސްޓަމްސް އިން މިއަދު އެމްބިއުލާންސްތައް ކްލިއާކޮށް އިދާރީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސަކަތް މިހާރު އެ މިނިސްޓްރީން ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ތިންވަނަ ޝިޕްމަންޓް މި ފެށޭ ޑިސެމްބަރު މަހު މެދެއްހާ ހިސާބު ނުވަތަ ޑިސެމްބަރު މަހުގެ ފަހުކޮޅު ލިބޭތޯ ވަރަށް މަސައްކަތް އެބަ ކުރަން. މިކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އެމްބިއުލާންސް އިޝޫއަށް ހައްލެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އާދިލް އިތުރަށް ވިދާޅުވީ މިހާރު ގިނަ ރަށްރަށުގައި ހުރީ ވަރަށް ގިނަ ދުވަސްވެފައިވާ އެމްބިއުލާންސްތަކެއް ކަމަށެވެ.

ރާއްޖެ ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް-- ފޮޓޯ/ ހެލްތް މިނިސްޓްރީ

"2000 ވަނަ އަހަރު، 2003، 2005 މިކަހަލަ ދުވަސްވަރެއްގެ އެމްބިއުލާންސްތަކެއް ހުރީ އިނގޭތޯ. ދެން އޭގެ އިތުރުން ގެނެވިފަ ހުރި އެމްބިއުލާންސްތަކަކީ އާދަޔާހިލާފަށް ކުދި ކުދި ސައިޒުގެ އެމްބިއުލާންސްތައް. ގާތްގަނޑަކަށް 5 ފޫޓު 10 ނުވަތަ 11 އިންޗީގެ މީހަކަށް ފަހަތު ދޮރުގަ ފައި ނުޖެހި ނޯވެވޭނެ،" އާދިލް ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުގެ އަމާޒަކީ މިފަދަ އެމްބިއުލާންސުތައް ބަދަލުކޮށް ރަނގަޅަށް ހިދުމަތް ފޯރުކޮށްދިނުން ކަމުގައިވެސް އޭނާ ވިދާޅުވިއެެވެ.

"ބައެއް ރަށްރަށުގަ ހާއްސަކޮށް ކުދި ރަށްރަށުގަ އެމްބިއުލާންސްގެ ހިދުމަތް ހޯދަން ޖެހެނީ ހަމަ މަދު ބަޔަކަށް. އެހެންކަމުން، ގިނަ ދުވަސްތަކެއް ވަންދެން އެގޮތަށް ބާއްވާފަ އޮތުމުން ލިބޭނެ ގެއްލުންތަކެއް. އެހެންވީމަ، އަޅުގަނޑުމެން އެދެމުން މިދަނީ އެމްބިއުލާންސްގެ ހިދުމަތް ދިން ކަމުގައި ވީ ނަމަވެސް އެހާ ބޮޑަށް އެމްބިއުލާންސް ބޭނުންކުރަން ނުޖެހޭ ރަށްރަށްވެސް ހުންނާނެ،" އާދިލް ވިދާޅުވިއެވެ.

އެފަދަ ރަށްތަކުގައިވެސް އެމްބިއުލާންސްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް-- ފޮޓޯ/ ހެލްތް މިނިސްޓްރީ

"އެހެންވީމަ ދަތުރެއް ނެތި އިންޖީނުތައް ސްޓާޓް ނުކޮށް ދެތިން ހަތަރުމަހު ބޭއްވުމުން ލިބޭނެ ގެއްލުންތައް. އެހެންކަމުން، އެމްބިއުލާންސްތައް ގަވައިދުން ސާވިސް ކުރުން ފަދަ ކަންތައް ކުރައްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ވާނީ އެ ފަރާތްތަކަށް ދަންނަވާފަ،" އާދިލް ވިދާޅުވިއެވެ.

އަލަށް ގެނައި 20 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންނަށްވެސް އެމްބިއުލާންސް ލިބުނީސް 96 އެމްބިއުލާންސް އެއްކޮށް ލިބުން ނަމަ. މި އަންނަނީ 20 އެތިން 20 އެތިން ނުވަތަ 16 އެތިން ކަހަލަ ގޮތަކަށް. އެހެންވީމަ އަންނަ ވަރަކުން ދެމުން ގެންދަނީ މި. އެހެންވީމަ އޭގެ މާނައަކީ ދެން ހުރި ރަށްރަށަށް ނުލިބޭނީކީ ނޫން. ހުރިހާ ރަށަކަށް ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓުގައި އައި 20 އެމްބިއުލާންސް ރަށްތަކަށް ފޮނުވާފައެވެ.

comment ކޮމެންޓް