ސީރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަށް އަލްޖަޒާއިރުން ގޮވާލައިފި

އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫން

އަލްޖަޒާއިރު (29 ނޮވެމްބަރު) : ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމާއެކު އެގައުމާ، ބައެއް އަރަބި ގައުމުތަކާ ދެމެދު އުފެދުނު ދެބަސްވުންތަކުގެ ތެރެއިން އަރަބި ލީގުން އެކަހެރި ކޮށްފައިވާ ސީރިޔާ އަލުން އަނބުރައި އަރަބި ލީގަށް ރުޖޫއަ ކުރުމަށް އަލްޖަޒާއިރުން ގޮވާލައިފިއެވެ.

އަލްޖަޒާއިރުގެ މިޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެގައުމުގެ ރައީސް އަބްދުލްމަޖީދު ތަބޫން ވިދާޅުވީ އަރަބި ލީގުން ސީރިޔާ އެކަހެރިކޮށްފައިއޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާ އަރަބި ސަފުން ސީރިޔާ އެކަހެރިކޮށްފައި އޮތުމަކީ މިހާރު ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ އެއީ އަރަބިންގެ އެއްބައިވަންތަކަންވެސް ގެއްލޭނެ ކަމެއް ކަމުގައެވެ.

2011 ވަނަ އަހަރު ސީރިޔާ އަރަބި ލީގުން ސަސްޕެންޑް ކުރުމަށް މައިގަނޑު ގޮތެއްގައި މަސައްކަތް ކޮށްފައިވަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް ދާޚިލީ ހަނގުރާމަ ފެށި ސީރިޔާގެ އދިިކޮޅު ފަރާތްތަކަށާ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވި ކަމަށް ތުހުމަތު ކުރެވުނު ގައުމުތަކުންނެވެ. މީގެތެރޭގައި ސައޫދީ އަރަބިއާ، ގަތަރު އަދި ޔޫއޭއީ ހިމެނެއެވެ.

ނަމަވެސް ބޭރުގެ ފަރާތްތަކުގެ އެހީގައި ރައީސް ބައްޝާލްއަސަދުގެ ވެރިކަން ވައްޓާލުމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަށް ފެށި ހަނގުރާމަ އެންމެފަހުން ނާކާމިޔާބުވެ އަސްކަރީގޮތުން އިދިކޮޅު ފަރާތްތައް ބަލިކަށިވުމާއެކު މަސްރަހުވަނީ އަނެއްކޮޅަށް ބަދަލުވާން ފަށާފައެވެ. މިގޮތުން ކުރިން ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވި ސައޫދީއާއި ޔޫއޭއީ މިހާރުވަނީ ސީރިޔާއާ ގާތްވާން ފަށާފައެވެ.

ދާދިފަހުން ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ)ގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ވަނީ ސީރިޔާ އަށް ވަޑައިގެން ރައީސް ބައްޝާރުލްއަސަދާ ބައްދަލުކުރައްވާފައެވެ. މިއީ 2011 ވަނައަހަރު ސީރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނުފަހުން އަރަބި ގައުމެއްގެ މިފެންވަރުގެ މަސްއޫލުވެރިއަކާ ރައީސް ބައްޝާރުލްއަސަދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އޭގެކުރިން ޔޫއޭއީ ވަނީ އެގައުމުގެ އެންބަސީ އަލުން ސީރިޔާގައި ހުޅުވާފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައްޝާރުގެ ސަރުކާރަށް އެހީތެރިވީ ރަޝިއާ، އީރާން އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއް ކުރަމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުންނެވެ. ސީރިޔާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހި ނިކަމެތިވެފައިވީނަމަވެސް ޔަހޫދީ އިސްރާއީލުން މިހާރުވެސް ގެންދަނީ ސީރިޔާއަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އުދުވާނީ ހަމަލާތައް ދެމުންނެވެ. އަރަބި ގައުމުތަކުން އިސްރާއީލުގެ މިއުދުވާން އާ ދެކޮޅަށް ވާހަކަ ދައްކާ ތަނެއް އަދިވެސް ނުފެނެއެވެ.

ސީރިޔާ އަލުން އަނބުރައި އަރަބި ލީގަށް ރުޖޫއަ ކުރުމަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި އަލްޖަޒާއިރުގެ އިތުރުން ޔޫއޭއީ، ސައޫދީ، އުރުދުން، އުމާން، އަދި ސޫދާން އާއި ލުބްނާނާއި އިރާގުވެސް މިހާރު ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރިޔަށް އޮތް އަރަބި ސަމިޓްގެ ކުރިން މިކަމާބެހޭގޮތުން އަރަބި ލީގުން ގޮތެއް ނިންމާނެކަމަށް މައުލޫމާތު ލިބެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް