ބުޅަލުގެ އުނދަގޫ ބޮޑުވެ، އަމިއްލަ ހަރަދުގައި ބުޅާ ފެސިލިޓީ ހަދައިދޭނެ ބަޔަކު ހޯދަނީ

ބުޅާ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ހަރަދުގައި މާލޭގައި ބުޅާ ގެންގުޅޭނެ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ބުޅަލުގެ މައްސަލައަކީ މާލެއަށް މިހާރު ވަރަށް ބޮޑުވެފައިވާ މައްސައެއް ކަމަށްވުމާއެކު، މަގުމަތީގައި އުޅޭ ބުޅާތައް އެއްކޮށް ނަގަން ޖެހޭ ކަމަށެވެ.

"މަގުމަތީގައި ބުޅާ އުޅުމުގެ ސަބަބުން އެކި ކަހަލަ ބަލިތައް ފެތުރޭ، އަދި ނަޖިސްކަން އިންތިހާއަށް ބޮޑުވޭ، ވާރޭ ވެހޭ ދުވަހެއް ވެއްޖެއްޔާ އޭގެ ނުރައްކާ އަދި އުނދަގޫ އެހާ ބޮޑަށް އިތުރުވެ، ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރީގެ ސިޓީ ކައުންސިލުން ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހަދަން އެޗްޑީސީއާއެކު މަޝްވަރާކޮށްފައި އޮތް ނަމަވެސް މިހާރުގެ ކައުންސިލަށް އެ މަގު ތަނަވަސް ކޮށްދީފައިނުވާ ކަމަށެވެ.

"އެޗްޑީސީއާއެއްކޮށް ވަރަށް މަސައްކަތް ކުރެވިއްޖެ. ފަރުކޮޅުފުށި އެއީ މިދިޔަ ކައުންސިލުން ކުރި މަސައްކަތަކަށްވާއިރު، އެޗްޑީސީ އިން ޔަގީންކަން ދީފައޮތް ބުޅަލުގެ ފެސިލިޓީ ހަދައިދޭނެ ކަމަށް. އެހެންނަމަވެސް މިކައުންސިލް އައި ފަހުން އެޗްޑީސީގެ ވާހަކަ ބަދަލުވެ އެއްވެސް ތަނެއްގައި ބުޅާ ފެސިލިޓީ ހެދުމަށް މަސައްކަތެއް ކޮށްފައެއްނުވޭ," މުއިއްޒު ވިދާޅުވިއެވެ.

ބުޅާ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން މި މައްސަލައަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެއް ކަމަށްވުމާއެކު، އަމިއްލަ ހަރަދުގައި އެކަން ކުރާނެ ބަޔަކު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަމިއްލަ ހަރަދުގައި ފެސިލިޓީ ހެދުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިި ހަފްތާގައި ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މާލެ ސިޓީގެ ތަރައްގީއަށް ކުރަމުން އަންނަ އެކި މަަސައްކަތާ ގުޅޭގޮތުން މުއިއްޒު ވާހަކަދެއްކެވިއެވެ. އެގޮތުން ވިލިމާލޭ އަކީ އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާތަނަކަށް ވާއިރު، ކާރުގެ ބޭނުން ބައެއް ފަހަރު ޖެހޭތީވެ އިލެކްޓްރިކް ދިހަ ކާރު ވިލިމާލެއަށް އެތެރެ ކުރުމަށް އިއުލާނު ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް