ކޮވިޑްގެ އިތުރު ދެ މަރު، ޖުމްލަ އަދަދު 250 އަށް

ކޮވިޑް-19 ބަލީގައި ނިޔާވި މީހެއްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް ޖެހިގެން ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި މީހަކު ރޭ ދަންވަރު 02:00ގައި މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 249 ވަނަ މީހާއެވެ.

ހަމައެހެންމެ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ވެސް މިއަދު ހެނދުނު 10:42 ގައި މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ދެ މީހުންގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 250 އަށް އަރައިފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ކުރަމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 114 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،769ގައެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ފެނި، ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީންވެސް ދެން 14 ދުވަހަށް ކަރަންޓީނުވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް