މާލެ ސިޓީ ކައުންސިލަށް ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސްއެއް ހަމަޖައްސަނީ

މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ފޮޓޯ / މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލަށް ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސްއެއް ހަމަޖައްސަން ނިންމައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުން ތަމްރީނު ކުރާ ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސް އާންމުގޮތެއްގައި ބޭނުންކުރަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ސްޕެޝަލް ކޮންސްޓަބިއުލަރީ ފޯސްއެއް ގާއިމުކުރަން މިހާރު ފާސްކޮށް، ފުލުހުންނާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ ފައުޖުގައި ހިމެނޭ މެންބަރުންގެ މުސާރަ ދޭނީ ސިޓީ ކައުންސިލުންނެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ހަ އަވަށް ޒޯނުތަކަށް ބަހަލައިގެން، 24 ގަޑިއިރު މި ފޯސް މާލެތެރެ ޕެޓްރޯލް ކުރަމުން ދާނެ ކަމަށެވެ.

"ސިޓީ ކައުންސިލުން ބުނާ ގޮތަކަށް، މާލެ ތެރެ ބަލަހައްޓަދޭން، މި ދެންނެވީ އާންމު އިޖުތިމާއީ މިންގަނޑުތައް ފޮލޯކޮށްދިނުމަށް، ކުނި އަޅާ މީހުން ކުނި އެޅީމަ ވަގުތުން އެ މީހުންނަށް އެކަމުގެ އަދަބު ލިބެން ޖެހޭނެ، ނޫނީ އެމީހުން އެކަން ހުއްޓުވަން، އަދަބަށް ވުރެ ބޮޑަށް ހުއްޓުވަން ބޭނުންވަނީ،" މުއިއްޒު ވިދާޅުވިއެވެ.

ކުނީގެ މައްސަލައިގެ އިތުރުން ގަވައިދާ ހިލާފަށް ޕާކު ކުރުމުންނާއި ޕާކުތަކާއި މިސްކިތްތަކުގެ ތެރޭގައި ހިނގާ އާންމު އުނދަގޫތަކާ ގުޅިފައިވާ ކަންކަން އެ ފޯސް އިން ބަލަމުން ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މިއީ މައްސަލަތައް ދިގުލައިގެން ދިއުމުގެ ބަދަލުގައި މައްސަލަތައް ހުއްޓުވަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއް ހާ ދުވަސް ތެރޭގައި، މި ފޯސް މަގުމައްޗަށް ނެރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ރޯދަ މަސް އަންނަންވާ އިރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މާލޭ ސިޓީގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު ލޭންޑް ޔޫސް ޕްލޭންގެ ދަށުން މަލްޓި ޔޫސް ޕާކިން ބިލްޑިންގުތައް ގާއިމްކުރާނެ ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއެކު މާލޭ ސިޓީއަށް ތަރައްގީ ގެނައުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް