މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވޭނީ ބޭރު ގައުމުގެ އެހީއާއެކު: ހަސަން ލަތީފް

ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވޭނީ ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހޭންޑްސް ޓުގެދާ އިން ހުށަހެޅި "ޗޭންޖް އެންޑީއޭ ޕެޓިޝަން"އާ ގުޅުވައިގެން މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ރިހެބް ތަކާއި ޑިޓޮކްސް ސެންޓަރުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު، ތަފުސީލީ ރިޕޯޓެއް އެކުލަވައިލާފައެވެ.

މި ރިޕޯޓު މިއަދުގަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެންބަރުން ރިޕޯޓަށް ބަހުސް ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޕޯޓަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ޖުމްލަ ހައްލަަކަށް ރާއްޖެ ބޭނުންވެފައިވާ ކަން ރިޕޯޓުން ހާމަވާ ކަމަށެވެ.

"އެއީ މަސްތުވާތަކެތި އެތެރެކުރި ހިސާބުން، އެ ބޭނުން ކުރާ ހިސާބުން، އަދި ބޭނުންކުރިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތާއި އަދި ބޭނުން ކުރުމަށްފަހު ދެން ފަރުވާ ދިނުމުގެ އުސޫލާ، އެ ހުރިހާ ކަމަކަށް ޖުމްލަ ހައްލެއް މިހާރު ބޭނުންވެފައިވާ ކަން ވަރަށް ސާފު،" ހަސަން ލަތީފް ވިދާޅުވިއެވެ.

ރާއްޖެއަށް ފުރަތަމަ މަސްތުވާތަކެތި އެތެރެކުރަން ފެށި ދުވަސްވަރާ މިހާރު ތަފާތުކަން ފާހަގަކޮށް، ހަސަން ލަތީފް ވިދާޅުވީ ފަރުވާ ދޭ ގޮތަށް ވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ދިވެހިންނަށް ކުރަން ނޭނގެ ކަންކަން ކުރުމަށް، ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ރާއްޖޭއިން ބޭރު ފަންނީ ތަޖުރިބާކާރު މާހިރުންގެ އެހީއާއެކީގައި ނޫނީ ދެނެއް އަޅުގަނޑުމެނަކަށް މި ރާއްޖެ ސަލާމަތެއް ނުކުރެވޭނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

"ފަރުވާ ދިނުމުގެ ހަމަތަކާއި އުސޫލުތަކާއި ގަވައިދުތައް އެކުލަވާލަންވީ ސަރުކާރުން، އެކަން ކުރުން ދޫކޮށްލާ ވާހަކައެއް ނޫން މި ދަންނަވަނީ، އެހެންނަމަވެސް އެ ފަރުވާ ދިނުން، އެކަމުގެ ފަންނުވެރިން، ތަޖުރިބާކާރު މީހުންނާ ހަވާލުކޮށްގެން ނޫނީ އެކަމެއް ކުރެވޭތަނެއް ނުފެނޭ."

ރިޕޯޓަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ކޮމިޓީން ކޮށްފައިވާ މަސައްކަތަށް ތައުރީފް ކުރައްވައި، ރިޕޯޓުގައިވާ ދިހަ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.

ހަމައެހެންމެ ގިނަ މެންބަރުން ވަނީ ރާއްޖޭގައި ދިވެހި ކައުންސިލަރުންގެ އަދަދު އިތުރުކޮށް، ފެންވަރު ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް