ކަޅު ބާޒާރުގައި ޑޮލަރު ގަނެ ރާއްޖެ އިން ބޭރުކުރީ މުދާ ގެނައުމުގެ ނަމުގައި, އެކަމަކު މުދަލެއް ނާދެ!

އޮގަސްޓް 27، 2020: ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބިދޭސީންތަކެއް: ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގެ ވިޔަފާރި ބިދޭސީން ވަނީ ހިސޯރުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ހިންގާ ކަމުގެ ތުހުމަތުގައި ހަތްޔަރުކުރި ދެ ބިދޭސީންގެ ތެރެއިން އެކަކު, ރާއްޖެ އިން ބޭރަށް ޑޮލަރު ފޮނުވަނީ މުދާ ގެނައުމުގެ ނަމުގައި ވިޔަސް އެ މުދާ ރާއްޖެ ނާންނާނެ ކަމަށް އޭނާ ބުނެފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރްދައުސްއެވެ. މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނެފައިވަނީ, ފިރުދައުސް ދިރިއުޅުނު ތަނުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާފައިވާ ސްލިޕްތަކެއް ފެނިފައިވާ ކަމަށެވެ.

ޓީޓީ ކުރަނީ އެހެން މީހަކަށް ފައިސާ ދީގެން އޭނާ މެދުވެރިކޮށްކަން ފާހަގަކޮށް ފިރުދައުސް ބުނެފައިވަނީ, ޓީޓީގައި މުދާ އަންނަ ތަނަކަށް ރާއްޖެ ޖަހާފައި އިން ނަމަވެސް އެ މުދާ ރާއްޖެއަށް ނާންނާނެ ކަމަށެވެ. އެގޮތަށް ޖަހަނީ ބަންގްލަދޭޝްއަށް ފައިސާ ފޮނުވުމުގެ ބޭނުމުގައި ކަމަށް ފިރުދައުސް ވަނީ ބުނެފައެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރޮބީއުﷲގެ ބަންދަށް 10 ދުވަސް އަދި ފިރްދައުސްގެ ބަންދަށް 15 ދުވަސް ޖެހުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓުގައި ފުލުހުން ވަނީ މި ދެ މީހުން ވެސް މަސައްކަތް ކުރަނީ ހުއްދަ ދެވިފައިވާ ވޯކް ސައިޓުގައި ނޫން ކަން ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ ފިރްދައުސް ހައްޔަރުކުރިއިރު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި، ބޭރު ފައިސާ ގަނެ ވިއްކުމާ ގުޅުންހުރި ހިސާބުކިތާބު ފޮތާއި ބޭންކު އަދި އޭޓީއެމް ސްލިޕް ފެނިފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ހުރިކަން ހާމަވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ރޮބީއުﷲ އަކީ ވެސް މިކަމުގައި ފިރްދައުސްއާއެކު އިސްކޮށް އުޅޭ މީހެއް ކަން ފުލުހުން ފާހަގަކޮށްފައިވާއިރު، މި ދެ މީހުންނަކީ މިފަދަ ބޮޑު ނެޓްވޯކެއްގެ ދަށުން ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކަމުން އަންނަ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް