އަޅުގަނޑު ދޫކުރާނެ ދުވަހެއް ހާމަކުރުމަށް ސިފައިން ވަނީ ދެކޮޅު ހަދައިފައި: ޔާމީން

14:30


މިދިޔަ ބުދަ ދުވަހު މާލޭގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ހިމަޔާތްދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދޫކުރާނެ ދުވަހެއް ހާމަކުރުމަށް ސިފައިން ވަނީ ދެކޮޅު ހަދައިފަ އެވެ. ޔާމީން ހާޒިރުކުރުމަށް ޖިނާއީ ކޯޓުން ނެރުނު އަމުރަށް ސިފައިން ދެކޮޅު ހަދާފައިވާތީ، ޔާމީން މިނިވަންކުރުމަށް ކޯޓުތަކުގައި ކުރަމުންދާ މަސައްކަތް ވެސް އަދި ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ.


ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ޔާމީން ހުންނަވާތާ މިއަދަށް ހަތަރު ދުވަސްވެފައިވާއިރު، އެ ރަށުގައި ހުންނަވައިގެން މިއަދު މެންދުރު ސަންއެފްއެމްއަށް ފޯނުން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، އޭނާއަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ސަރުކާރުން ބަންދުކޮށްފައުވާ އަސީރެއް ކަމަށެވެ. އަދި ބަންދުގައި އޭނާ ހޭދަކުރައްވާ ކޮންމެ ދުވަހަކީ އެތަކެއް އިންސާނީ ހައްގުތަކުން އޭނާ މަހްރޫމްވެގެންދާ ދުވަސްތަކެއް ކަމަށެވެ. އަދި ޤާނޫނާއި ޤާނޫނު އަސާސީއާ ޚިލާފަށް ސަލާމަތީ ބާރުތަކުގެ ބޭނުންކޮށްގެން ސަރުކާރުން ކަންތައް ކުރަމުންދާއިރު އެފަދަ ޖަރީމާތައް ހިންގަމުންދާނެ ކަމަށް ވެސް ޔާމީން މިއަދު ވިދާޅުވި. މީގެ އިތުރުން އޭނާގެ މިނިވަންކަމަށް ހުރަސް އެޅިފައިވާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.


އާރަށުގައި ހުންނަވާއިރު މިހާތަނަށް އެއްވެސް ގޯނާއެއް ލިބިވަޑައިގެންފައިނުވާ ނަމަވެސް، އެތަކެއް ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އާއިލާގެ ބޭފުޅުންނާއި ދަރިންނަށް ކޮންމެ ފަހަރަކު އޭނާއާ ބައްދަލުކުރުމަށް ކަނޑުހުރަސްކޮށް ދިއުމަކީ ދަތިކަމެއްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މި ކަންތައްތަކުގެ ސަބަބުން އޭނާގެ އާއިލާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ދަތިތަކާއި، ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ ކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ހަމަ އެއާއެކު، އާރަށުގައި ބައްދަލުކުރެއްވެނީ ހަމައެކަނި އާއިލާ އާއި ވަކީލުންނާއި އެކަނި ކަމަށްވާތީ، އޭނާގެ ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅި، އެކަންކަން ކުރުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިނުގެންނެވޭ ކަމަށާއި، ޕާޓީގެ ބަޔަކާ ބައްދަލު ނުކުރެއްވޭ ކަމާއި، އަދި އެނބުރި ގެއަށްވެސް ވަޑައިނުގެންނެވޭކަން ޔަމީން ފާހަގަކުރެއްވި އެވެ.


މިދިޔަ ބުދަ ދުވަހުގެ ރޭ ސިފައިންގެ ބެލުމުގެ ދަށަށް ޔާމީން ގެންދެވުމުގައި ކަންތައް ހިނގައިދިޔަ ގޮތްވެސް ޔާމީން ވަނީ ސަންއެފްއެމާއެކު ހިއްސާކުރައްވައިފަ އެވެ. އެގޮތުން ޔާމީން ވިދާޅުވީ، ސިފައިންނާ އެއްކޮށް ދިއުމަށް ފުރަތަމަވެސް ދެކޮޅުހެއްދެވި ކަމަށާއި އެންމެފަހުން އެކަމަށް އެއްބަސްވެ ވަޑައިގެންނެވީ، ގަދަކަމުންވެސް ޔާމީން ގެންދާނެ ކަމުގެ އިންޒާރު ސިފައިން ދިނުމުން ކަމަށެވެ. އެގޮތުން މިކަން ހިނގި އިރު އޭނާ ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ގޭގައި ކަމަށާއި އެގޭ ކައިރިއަށް ސިފައިން އެއްވެ، ދޮރު ވައްޓާލާފައި ވަންނަންނާނެ ކަމުގެ އިންޒާރު ލިބިވަޑައިގަތުމުން، ނާޒިމްގެ އާއިލާއަށް އެފަދަ ވިޔާނުދާ މަންޒަރެއް ދައްކަވަން ބޭނުންނުވާތީ ސިފައިންނާ އެއްކޮށް ވަޑައިގެންނެވުމަށް މުޖުބޫރުވެވަޑައިގެންނެވީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހުކުރު ދުވަހު ދެއްވި ރޭޑިއޯ އެޑްރެސްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ބައެއް އިސް ސިޔާސީ ބޭފުޅުންގެ ސަލާމަތަށާއި އަދި ހަމައެހެންމެ މުޅި ރާއްޖޭގެ މަޞްލަޙަތަށްޓަކައި ވަނީ އެކަހެރި ކުރެވިފައި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ސަރުކާރުން ނިންމީ އެކަން އެހެން ނުކޮށްފިނަމަ ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކާއި އަދި ކުރިމަތިވެދާނެ ނުރަނގަޅު ކިތަންމެ ކަމެއް އަންދާޒާ ކުރެވޭތީ މިވަގުތު އެކަން ކުރަން ސަރުކާރަށް މަޖުބޫރުވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.


އެހެންނަމަވެސް، ޔާމީން ވިދާޅުވާ ގޮތުގައި އިދިކޮޅު ފަރާތްތައް 'އަސީރުކުރުން' ފަދަ ޖަރީމާތައް ސަރުކާރުން ހިންގަމުންދަނީ މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކާ، ވޯޓަށް ނުފޫޒު ފޯރުވުމަށެވެ. އެހެންނަމަވެސް، އެހާ ފަސޭހައިން މަޖިލީހުގެ މެމްބަރުންގެ ވޯޓު ބަދަލުނުކުރެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.


ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެއްޅުވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރުމަށްފަހު، ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލާފައިވާ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ އޭނާ އާއި ހަމަ މި މައްސަލާގައި ތުހުމަތުކުރޭ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ދެބޭފުޅުން ހައްޔަރުކުރުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޔާމީން ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ދުވަހުގެ ހަވީރު އެމްޑީޕީން ބޭއްވި މުޒާހާރާއެއްގައި ވާހަކަ ދައްކަވަމުން ވެސް އެ ޕާޓީގެ އިސް މެމްބަރުން ވަނީ، އެ ރޭ 12 ޖެހުމުގެ ކުރިން ޔާމީން ހައްޔަރުނުކޮށްފިނަމަ ރައްޔިތުން ނިކުމެ އެކަން ކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް