މާލޭ މިނީ ބަހުުގެ ހިދުމަތް: އަނެއްކާ ވެސް ބަޖެޓުގެ ޝަކުވާ

މިނިސްޓަރު އައިޝަތު ނަހުލާ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ-- ފޮޓޯ/ މަޖިލިސް

މާލޭގައި މިނީ ބަސް ފެށުމަށް ބޭނުންވާ މިންވަރަށް އަދިވެސް ބަޖެޓު ހަމަނުޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މީގެ ކުރިން ވެސް ނަހުލާ ވަނީ އެ ހިދުމަތް ނުފެށި ލަސް ވަނީ ބަޖެޓު ނެތުމުން ކަަމަށް އެކި ފަހަރުމަތިން ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިނީ ބަހުގެ ހިދުމަތަކީ މުހިންމު ވައުދެއް ކަން ފާހަގަކުރައްވައި، މިނީ ބަހުގެ ހިދުމަތް ފެށޭނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ނުފުއްދި އޮތް ހަމައެކަނި ވައުދު ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެފަ ހުރި މަސައްކަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ އެއީ ކަން އަޅުގަނޑު ފާހަގަކޮށްލަން،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ މި ހިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އަދިވެސް ފަށައި ނުގަނެވިގެން އުޅެނީ ބަޖެޓުގައި ހުރި ތާށިތަކެއްގެ ސަބަބުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެން އައްޔަންކުރިޔަސް ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ، އަދި އަޅުގަނޑުމެންނާ ހަވާލު ކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް ލިބިފައިވާ ބަޖެޓު ލިބިގެން ކަމަށްވާތީ، އެކަމުގަ ބަޖެޓު މިހާތަނަށް އަދި ހަމަޖެހިފައި ނުވާތީ އެކަން ލަސްވެގެން ދާ ކަން އަޅުގަނޑު ފާހަގަކޮށްލަން،" ނަހުލާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ހަމަޖައްސައިފައިވީނަމަވެސް އެ އަދަދަކީ އެ ހިދުމަތް ފެށޭނެ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިބިފައި އިން ބަޖެޓުން ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެން އަޅުގަނޑުމެންގެ މަސައްކަތެއް ނުފެއްޓޭނެ، އެހެންވީމަ އަޅުގަނޑު މެންނަށް ބަޖެޓު ހަމަޖެހޭ ކަހަލަ ގޮތަކަށް މިއޮތީ ބުރިބުރި ކޮށްގެން ކަހަލަ ގޮތަކަށް،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ މިކަމަށް ބޭނުންވާ ބަޖެޓު ނުލިބުމުން، ބޭރުގެ އެހީ ދޭ ޖަމާއަތްތަކުގެ އެހީ ހޯދުމަށް އެދި ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް ކޮޅެއް ފެނިފައިނުވާ ކަމަށެވެ.

ހަމައެހެންމެ މަސައްކަތް ފެށޭނެ ވަރުގެ ބަޖެޓެއް ހަމަޖެހުމުން މަސައްކަތް ފަށާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

comment ކޮމެންޓް