"އޮމިކްރޯން" ޔޫރަޕްގެ އެތައް ގައުމަކުން ފެނުމާއެކު ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާނެކަމުގެ ބިރު ހީވެއްޖެ

ލަންޑަން (29 ނޮވެމްބަރު): ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އައު ވޭރިއެންޓް "އޮމިކްރޯން" ޔޫރަޕްގެ އެތައް ގައުމަކުން ފެނުމާއެކު ދުނިޔޭގެ އިގްތިސާދަށާއި ހިއްސާގެ ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަރަންފަށައިފިއެވެ.

ޔޫރަޕްގެ އަށް ގައުމަކުން "އޮމިކްރޯން" ގެ ކޭސްތައް ފެނިފައިވާއިރު އިގްތިސާދީ ހަރަކާތްތައް ހުއްޓިދާނެ ނުވަތަ މަދުވެދާނެކަމަށް ލަފާކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ދަށަށްގޮސްފައެވެ. މީގެއިތުރުން ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތަކުގައި ކުންފުނިތަކުގެ ހިއްސާތަކުގެ އަގުވެސްވަނީ ދަށަށްދާން ފަށާފައެވެ.

"އޮމިކްރޯން" ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނު ދެކުނު އެފްރިކާއާއި އެގައުމުގެ އަވަށްޓެރި އެފްރިކާގެ ދެކުނުގެ ގައުމުތަކަށް ދަތުރުކުރުމާއި އެގައުމުތަކުގެ މީހުން ދަތުރުކުރުން ދުނިޔޭގެ 30 ގައުމަކުން މިހާތަނަށް މަނާކޮށްފައިވާތީ ވައިގެ ދަތުރުފަތުރަށްވެސް ވަނީ ލޮޅުން އަރަންފަށާފައެވެ.

އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓް

ޔޫރަޕްގެ އަށް ގައުމަކުން "އޮމިކްރޯން" ގެ ކޭސްތައް ފެނިފައިވާއިރު އެގައުމުތަކުގައި އޭގެ ހާލަތްތައް ގިނަވަމުންދާނަމަ އެގައުމުތަކަށް ދަތުރުކުރުމާއި އެގައުމުތަކުގެ މީހުން އެހެން ގައުމުތަކަށް ދަތުރުކުރުންވެސް މަނާކުރުމަކީ ވަރަށް ގާތްކަމެކެވެ. މީގެއިތުރުން އިތުރުގައުމުތަކުގައި "އޮމިކްރޯން" ނޫޅޭކަމުގެ ގެރެެންޓީއެއްވެސް ނެތެވެ. މިކަން ނޭންގި ވަނީ "އޮމިކްރޯން" ގެ ޓެސްޓްތައް ނަހަދާތީކަމަށް ވަނީ ބެލެވިފައެވެ.

"އޮމިކްރޯން" ގެ ކޭސްތަކެއް ފެނިފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އަނެއްކާވެސް ކޮވިޑް އާ ދެކޮޅަށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން އިއުލާން ކުރައްވައި އެކަމަށް ތައްޔާރުވެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ޔޫރަޕްގައި އާބާދީއާއި އިގްތިސާދު އެންމެ ބޮޑު ގައުމު ކަމަށްވާ ޖަރުމަނުންވެސް "އޮމިކްރޯން" ގެ ކޭސްތަކެއް ވަނީ ފެނިފައެވެ.

މިއާއެކު އެގައުމުގެ ސިއްހަތާބެހޭ އިދާރާތަކުންވަނީ ކޮވިޑް އާ ދެކޮޅަށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމަށް ބުނެފައެވެ. ނަމަވެސް ޖަރުމަނުގައި މިހާތަނަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ބޭރުގައުމުތަކުން އެގައުމަށް އެތެރެވާ މީހުންނާ ދެކޮޅަށެވެ.

ޖަރުމަނާއި އިނގިރޭސިވިލާތް ބުނާގޮތުން އެ ދެގައުމަށް "އޮމިކްރޯން" ގެ ކޭސްތައް އައީ ދެކުނު އެފްރިކާއިން ދަތުރުކުރި ބައެއްގެ ސަބަބުންކަން ކޮންޓެކްޓް ޓްރޭސިން އިން ސާފުވެފައިވާކަމުގައެވެ. "އޮމިކްރޯން" އަކީ އިންޑިޔާއިން ފެނުނު "ޑެލްޓާ" ވޭރިއެންޓަށްވުރެވެސް ހަލުއިކޮށް ފެތުރޭ ވައްތަރެއްކަމަށް ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމުގައެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވަނީ "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް