ކާމިޔާބުކަމާއެކު، 15 ކުއްޖަކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2020ގެ ބެޗުގެ ދަސްވެނިން-- ސަން ފޮޓޯ/ އައިމަން އަލީ

ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 15 ދަރިވަރަކު ފުރިހަމަކޮށްފިއެވެ.

ކްރޮސްރޯޑްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވައިފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެހެން އަހަރުތަކާ ހިލާފަށް، މިދިޔަ އަހަރު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. އެގޮތުން އިންޑަކްޝަންއާއި ޓްރެއިނިން ވެސް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށް ކަމަށް ދިރާގުން ބުނެއެވެ.

އޮންލައިންކޮށް ތަމްރީނުތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ބެޗުގެ ބައިވެރިންނަށް ފްރޮންޓްލައިނަށް ނިކުމެ މަސައްކަތް ކުރަން އިތުރު ފުރުސަތުތަކެއް ލިބިގެން ދިޔަ ކަން ދިރާގުން ފާހަގަކުރެއެވެ. ހަމައެހެންމެ ބައިވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއް ވެސް ހަމަޖައްސައިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމް ނިންމި ހުރިހާ ދަރިވަރުން ހެން ޒިންމާދާރު ވަޒީފާތައް އަދާކުރަމުން އަންނަ ކަމަށް ދިރާސާއަކުން ހާމަވެފައިވާ ކަމަށެވެ.

ހަމައެހެންމެ ވަޒީފާގައި ނޫޅޭ ދަރިވަރުން ވެސް، ބޭރު ގައުމުތަކުން ތައުލީމު ހާސިލުކުރަމުން ނުވަތަ އަމިއްލަ ވިޔަފާރިއެއް ކުރަމުން އަންނަ ކަމަށް ދިރާސާއިން ދައްކާ ކަމަށް ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަން އަޅުގަނޑަށް ޔަގީން، އެހެންވީމާ އަޅުގަނޑު ވަރަށް ހިތްވަރު ދެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަދުގެ ބައިވެރިންނަށް ލިބިފައިވާ ފުރުސަތު ވީހާ ވެސް ރަނގަޅު ގޮތުގައި ބޭނުން ކުރަން،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިންތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގްވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލްސް، އަދި ވަޒީފާތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، އިންޓަވިއު ސްކިލްސް ފަދަ ތަމްރީނިތައް ހިމެނެއެވެ.

އެޕްރެންޓިސްޝިޕްގެ ދަށުން ފުރުސަތު ލިބޭ ދާއިރާތަކުގެ ތެރޭގައި މާކެޓިން، ޕްރޮކިއުމެންޓް އެންޑް ސްޓޯސް، ސޭލްސް، ކަސްޓަމާ ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އިންފޮމޭޝަން ސިސްޓަމްސްގެ އިތުރުން އިންޖިނިއަރިން ހިމެނެއެވެ.

ދިރާގުން ބުނީ އެކުންފުނީގެ އަމާޒަކީ މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް