މުލީގެ ގެއެއްގައި ރޯވެ، ގެއްލުންތަކެއް ވެއްޖެ

މ. މުލީގެއެއްގައި މިރޭ އަލިފާން ރޯވެފައި: އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ

މ. މުލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެ ރަށު، މާފަހި ގޭގައެވެ.

މުލީ ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު "ސަން"އަށް ވިދާޅުވީ މިރޭ 7:10ގައި އަލިފާން ރޯވީ އެގޭގައި ވަކިން ހަދާފައިހުރި މަސްކައްކާ ބަދިގެއެއްގައި ކަމަށެވެ.

"އަލިފާން ރޯވީ އެގޭގަ ވަކިން ހަދާފަ ހުރި މަސްކައްކާ ކުޑަ ބަދިގެއެއްގަ. އަލިފާން ރޯވީ މަސްކައްކަން އުދާފަ ހުއްޓާ. އެ ގަޑީގަ އެއްވެސް މީހަކު އެތަނުގައެއް ނެތް. އެ ކޮޓަރި އަލުން ހަދައިގެން ނޫނީ މީހުންނަށް ދިރިއެއް ނޫޅެވޭނެ،" ޝަމްއޫން ވިދާޅުވިއެވެ.

މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކުރެވިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ޝަމްއޫން ވިދާޅުވީ އެ ބަދިގޭ ފާރާއި ބަދިގެއާ އިންވެގެން ހުރި ކޮޓަރީގެ ފާރުގެ އިތުރުން ގޭގައި ބަހައްޓާފައިހުރި ދެ ފެންތާނގީވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ކޮޓަރީގެ ފާރަށް ލިބުނު ގެއްލުމާހެދި ދެން އެ ކޮޓަރީގައި ދިރިއުޅެވޭނީ އަލުން ފާރެއް ރާނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް